ދެޖިންސުގެ މުއައްޒަފުންގެ މެދުގައި ކުންފުނީގައި ހަމަހަމަކަން ޤާއިމްކުރުމާއި، ކުންފުނި ހިންގުމުގައި، އަންހެނުންގެ ދަޢުރު އިތުރަށް ފުޅާކުރުމަށްޓަކައި އެމް. ޑަބްލިޔު. އެސް. ސީ. އިން ވަނީ 05 އަހަރު ދުވަހުގެ މުއްދަތަކަށް ދެމިގެން ދާގޮތަށް ޖެންޑަރ މެއިންސްޓްރީމިންގް ޕްލޭނެއް އެކުލަވާލައިފައެވެ.
މިޕްލޭންގެ ދަށުން، އެމް. ޑަބްލިޔު. އެސް. ސީ. ގައި، އަންހެނުންނަށް ވަޒީފާގެ މައިދާނުން ކުރިޔަށް ދިޔުމުގައި ދިމާވެފައިވާ ގޮންޖެހުންތަށް ދެނެގަތުމާއި، އެ ގޮންޖެހުންތަށް ގިރާކުރުމަށް ކުރަން ހަމަޖެހިފައިވާ މަސައްކަތްތައް ދެނެގަނެ އެދެވޭ ހައްލުތަކަކަށް މުސްތަޤްބަލްގައި މަސައްކަތް ކުރެވެމުން ޕްލޭންގެ ދަށުން ދާނެއެވެ.
ޖެންޑަރ މެއިންސްޓްރީމް ކުރުމުގައި ކުރިމަތިވެފައިވާ ގޮންޖެހުންތައް
ސުރުހީގައި ދެންނެވިފައިވާ ކަންތަތައް ދިރާސާކުރުމުގައި އެމް. ޑަބްލިޔު. އެސް. ސީ. އަށް ފާހަގަވިކަންތައްތަކަކީ؛
· ޓެކްނިކަލް ދާއިރާގައި އަންހެން މުވައްޒަފުންނަށް އޮންނަ ފުރުސަތުތަށް ކުޑަވުން އަދި އަދާއިރާގައި އަންހެން މުވައްޒަފުން މަދުވުން
· އަންހެނުން ބާރުވެރިކުރުމުގައި ފިރިހެނުންގެ ދައުރަކީ ކޮބާކަން ސާފުނުވުން
· މަސައްކަތުގެ މާހައުލު ބައްޓަން ކުރުމުގައި ދެޖިންސުގެ މުވައަޒަފުންނަށް އެކަށޭނެގޮތަކަށް މަސައްކަތުގެ މާހައުލު ބައްޓަން ކުރެވިފައި ނެތުން
· މެނޭޖްމަންޓް އަދި މެނޭޖްމަންޓުގެ ދައުރުއަދާކުރާ، ކުންފުނީގެ އަސާސީ ޤަވާއިދުތަކާއި އުސޫލުތަށް ކަނޑައަޅާ މުހިންމު ކޮމިޓީތަކުގައި ދެޖިންސުގެ ދައުރު ހަމަހަމަކުރެވިފައިނެތުން
އަންހެނުންގެ ދައުރު ފުޅާކުރުމަށް ރޭވިފައިވާ ބައެއްކަންތަށް
އިސްވެ ދެންނެވުނު ކަންތަތަކަށް ރިޢާޔަތްކޮށް، އެމް. ޑަބްލިޔު. އެސް. ސީގެ ފަރާތުން، ޖެންޑަރ މެއިންސްޓްރީމް ކުރުމަށްޓަކައި ކުރިޔަށް އޮތް 05 އަހަރު ތެރޭގައި ރޭވިފައިވާކަންތައްތަކަކީ:
· ކުންފުނީގެ ކޮމިޓީތަކާއި ޓީމްތަކުގައި އަންހެނުންގެ ދައުރު އިތުރުކުރުމުގެ ގޮތުން، މި ފަދަ ކޮންމެ ކޮމިޓީ އަދި ޓީމެއްގައިވެސް މަދުވެގެން އެއް އަންހެން މުވައްޒަފަކު ހިމެނުން އަދި 05 އަހަރު ދުވަހުގެ ތެރޭގައި 33% އަށްވުރެ ކުޑަނުވާހެން މިއަދަދު ދެމެހެއްޓުން
· ކުންފުނީގެ ސީނިއަރ މެނޭޖްމަންޓް ޓީމް އަދި ސުޕަވައިޒަރީ ލެވެލް ގައި އަންހެނުންގެ ދައުރު އިތުރުކުރުމުގެ އިތުރުން އަންހެނުންނަށް ހައްގުވެގެންވާ ފުރުސަތުތައް ހޯދައިދިނުމުގެ ގޮތުން، 5 އަހަރުގެ ޓާރގެޓް ތަކެއް ހިމެނޭގޮތަށް މި ލެވެލް ތަކުގައި އަންހެނުން އިތުރުކުރުމަށް 'ވުމަން އިން މެނޭޖްމަންޓް' ގެ ނަމުގައި ޕްރޮގްރާމެއް ހިންގުން
· މީގެ ތެރެއިން ކުންފުނީގެ ހުރިހާ އަންހެން މުވައްޒަފުންނަށް ހުޅުވާލެވިގެން ލީޑަރޝިޕް ލެވެލް ތަކަށް ފުރުސަތު ހޯދައި ދިއުމަށްޓަކައި ކުރިއަށް ގެންދެވޭ ޓްރޭނިންގ ޕްރޮގްރާމްތަކެއް ހިންގުން
· އަދި ކުންފުނީގައި މަސައްކަތް ކުރާ އަންހެނުންގެ ތެރެއިން މެނޭޖްމަންޓްގެ ލެެވެލްތަކުގައި މަސައްކަތް ކުރެވޭނެ ގާބިލިއްޔަތުކަން ހުރި ކަމަށް ފާހަގަ ކުރެވިފައިވާ އަންހެން މުވައްޒަފުންނަށް ބޭނުންވާ ހުނަރުތައް އިތުރުކުރުމަށްޓަކައި ހާއްސަ ޓްރޭނިންގ ޕްރޮގްރާމް ތަކެއްކުރިޔަށް ގެންދިއުން
· އަންހެނުން ބާރުވެރި ކުރުމުގެ މަސައްކަތުގައި ފިރިހެނުންގެ ދައުރަކީ ކޮބައިތޯ ވިސްނާލުމަކީ ވަރަށް މުހިއްމު ކަމެއްކަމަށް ވާތީވެ، ފިރިހެނުންގެ ދައުރުގެ މުހިއްމުކަން މިކަމުގައި އަންގައިދޭ ބައްދަލުވުންތަކެއް ހިންގުން
· ކުންފުނީގެ އެކިއެކި ޓެކްނިކަލް ފީލްޑް ތަކުގައި އަންހެނުންގެ ދައުރު އިތުރުކުރުމަށް އަންހެނުންނަށް ޙާއްސަކުރެވިގެން ޓެކްނިކަލް އެޕްރެންޓިސް ޕްރޮގްރާމް ތަކެއް ފެއްޓުން. މި ޕްރޮގްރާމްގެ ތެރެއިން ކުންފުނީގައި މިހާރު އަންހެނުން މަސައްކަތް ނުކުރާ ޑިވިޝަންތަކާއި ފީލްޑް ތަކަށް ޝައުގުވެރިކަން ހުރި އަންހެނުން ހޯދައި، މަސައްކަތުގެ ތަޖުރިބާއާއި އިތުރު ހުނަރުތައް ދަސްކޮށްދިނުމުގެ އިތުރުން މީގެ ތެރެއިން މަސައްކަތުގެ ފެންވަރު ރަނގަޅު ކަމަށް ފާހަގަ ކުރެވޭ ފަރާތްތަކަށް ވަޒީފާ ދިނުމުގެ ފުރުސަތުތަށް އިތުރުކުރުން.
· ކުންފުނީގައި އަންހެނުން ބާރުވެރިކުރުމުގެ ގޮތުން 'ވޯރކް ޕްލޭސް މެންޓަރިންގ ޕާރޓްނަރސް ޕްރޮގްރާމް' ގެ ނަމުގައި ހިންގޭ ޕްރޮގްރާމެއް ހިންގުން އަދި މި ޕްރޮގްރާމުގައި ކުންފުނީގައި މަސައްކަތް ކުރާ ތަޖުރިބާ ހުރި އަންހެން މުވައްޒަފުންނާއި ކުންފުންޏަށް އަލަށް ވަންނަ އަންހެން މުވައްޒަފުންނާއި ޕާރޓްނަރ ކުރެވި އެކަކު އަނެކަކުގެ ފަރާތުން ދަސްކުރެވޭނެ ކަންތައްތައް ދެނެގަނެވި، ކުންފުނީގެ މަސައްކަތަށް އަހުލުވެރި ކުރުމަށް ފަސޭހަކޮށްދެވިގެން ދިޔުން
· މީގެ އިތުރުން، ކުންފުނީގައި ގިންތީގެ ހަމަހަމަކަން ގާއިމް ކުރުމަށްޓަކައި ކުންފުނީގައި މަސައްކަތް ކުރާ ހުރިހާ އޮފީސް މާހައުލު ފަދަ ތަންތާންގައި އަންހެނުންނާއި ފިރިހެނުންނަށް ވަކިން ބޭނުުންކުރެވޭނެހެން ފާޚާނަ ހެދުމާއި މަސައްކަތުގައި ބޭނުންކުރާ އާލާތްތައް ވެސް ދެ ޖިންސުގެ މީހުނަށްވެސް ބޭނުން ކުރެވޭނެ ހެން ބަދަލުތައް ގެނެވި ރޭވުން.
މި 05 އަހަރުގެ ޓާރގެޓް ޕްލޭންގެ ދަށުން ކުންފުނި ހިންގުމާއި، ޕްރޮޖެކްޓް ތައް ކުރިއަށް ގެންދިއުމުގެ އިތުރުން، ބޮޑެތި ނިންމުންތައް ނިންމާ ކޮމިޓީތަކާއި ޓީމް ތަކުގައިވެސް މަދުވެގެން 33% އަންހެން މުއައްޒަފުން ޝާމިލު ވެގެން ދާނެއެވެ.
އެމް. ޑަބްލިޔު. އެސް. ސީ. ގެ މި ޕްލޭނާއި އެކު ދެޖިންސުގެ މުއައްޒަފުންގެ މެދުގައި ހަމަހަމަކަން ޤާއިމްކުރެވި، ކުންފުނި ހިންގުމުގައި، އަންހެނުންގެ ދަޢުރު އިތުރަށް ފުޅާވެގެންދާނެ ކަމަށް އުއްމީދު ކުރެވެއެވެ.