Share this post
އދ.ހަންޏާމީދޫގެ ފެނުގެ ނިޒާމް ޤާއިމް ކުރުމުގެ %41 މަސައްކަތް ނިމިއްޖެ

އެމް.ޑަބްލިޔު.އެސް.ސީ އިން އދ.ހަންޏާމީދޫގައި ކުރިއަށް ގެންދާ ފެނުގެ ނިޒާމް ޤާއިމްކުރުމުގެ މުޅި މަޝްރޫޢުގެ %41 މަސައްކަތް ނިމިއްޖެއެވެ. މިގޮތުން، ފެނުގެ ނިޒާމްގައި ހިމެނޭ ފެން ޕްލާންޓް ބެހެއްޓުމަށް އިމާރާތްކުރާ ފެސިލިޓީ ބިލްޑިންގ އިމާރާތުގެ %70 މަސައްކަތްތަކާއި 4.91 ކިލޯ މީޓަރގެ ދިގު ފެން ހޮޅީގެ މައި ނެޓްވޯރކް ޤާއިމް ކުރުމުގެ މަސައްކަތް ވަނީ ނިމިފައެވެ. އަދި ބޯހޯލް ތޮރުފުމުގެ މަސައްކަތާއި، ގޭގެއަށް ފެނުގެ ކަނެކްޝަން ގުޅައިދިނުމުގެ މަސައްކަތާއި, ފެން ރައްކާކުރާ ތާނގީގެ ފައުންޑޭޝަން މަސައްކަތްތައް މިހާރު ދަނީ ކުރަމުންނެވެ.

ހަމަ އެއާއިއެކު މިމަޝްރޫޢުގެ ދަށުން، ފެން އުފެއްދުމަށްޓަކައި 2 އާރ.އޯ ޕްލާންޓް ބެހެއްޓުމާއި، ފެން ރައްކައު ކުރުމަށްޓަކައި 3 ތާންގީ ބެހެއްޓުމުގެ އިތުރުން، ފެނުގެ ނިޒާމް ހިންގާ ބެލެހެއްޓުމަށް ބޭނުންވާ ޖަނަރޭޓަރ ސެޓާއި އަދި ފެން ތަޙުލީލު ކުރުމަށް ބޭނުންވާ ސާމާނު ފޯރުކޮށްދިނުމަށް ވަނީ ހަމަޖެހިފައެވެ.

         ހަންޏާމީދުގެ ފެނާއި ނަރުދަމާގެ މަޝްރޫޢުއަކީ މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ފަރާތުން މިކުންފުންޏާއި ހަވާލުކޮށްގެން ކުރިއަށް ގެންދާ މަޝްރޫއެކެވެ. މިމަޝްރޫޢުގެ އަގަކީ 21,651,878.00މިލިއަން ދިވެހި ރުފިޔާ އެވެ. މިމަޝްރޫޢުގެ މަސައްކަތް ނިމުމުން ހަންޏާމީދުގެ ރައްޔިތުންނަށް ސާފު ބޯފެނުގެ ނިޒާމެއް ލިބިގެންދާނެއެވެ.