އެމް.ޑަބްލިޔު.އެސް.ސީ އިން އދ.ހަންޏާމީދޫގައި ކުރިއަށް ގެންދާ ފެނުގެ ނިޒާމް ޤާއިމްކުރުމުގެ މުޅި މަޝްރޫޢުގެ %70 މަސައްކަތް ނިމިއްޖެއެވެ. މިގޮތުން، ފެނުގެ ނިޒާމްގައި ހިމެނޭ 4.91 ކިލޯ މީޓަރގެ ދިގު ފެން ހޮޅީގެ މައި ނެޓްވޯރކްގެ ހޮޅިވަޅުލުމުގެ މަސައްކަތްތަކާއި، ބޯހޯލް ތޮރުފުމުގެ މަސައްކަތްތަކާއި އާރ.އޯ ޕްލާންޓް ފެބްރިކޭޓް ކުރުމުގެ މަސައްކަތަކާއި އަދި ފެން ރައްކާކުރާ ތާނގީގެ ފައުންޑޭޝަން އެޅުމުގެ މަސައްކަތްތައް ވަނީ ނިމިފައެވެ. އަދި ފެން ޕްލާންޓް ބެހެއްޓުމަށް އިމާރާތްކުރާ ފެސިލިޓީ ބިލްޑިންގ އިމާރާތްކުރުމުގެ ބޮޑުބައެއްވެސް މިހާރުވަނީ ނިމިފައެވެ.
ހަމަ އެއާއިއެކު މިމަޝްރޫޢުގެ ދަށުން، ފެން އުފެއްދުމަށްޓަކައި 2 އާރ.އޯ ޕްލާންޓް ބެހެއްޓުމާއި، ފެން ރައްކައު ކުރުމަށްޓަކައި 3 ތާންގީ ބެހެއްޓުން ހިމެނެއެވެ. މީގެ އިތުރުން، ގޭގޭގައި ފެންމީޓަރ ބަހައްޓައި، ފެނުގެ ކަނެކްޝަން ގުޅައިދީ، ފެނުގެ ނިޒާމް ހިންގާ ބެލެހެއްޓުމަށް ބޭނުންވާ ޖަނަރޭޓަރ ސެޓާއި އަދި ފެން ތަޙުލީލު ކުރުމަށް ބޭނުންވާ ސާމާނު ފޯރުކޮށްދިނުމަށް ވަނީ ހަމަޖެހިފައެވެ.
ހަންޏާމީދުގެ ފެނުގެ މަޝްރޫޢުއަކީ މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ފަރާތުން މިކުންފުންޏާއި ހަވާލުކޮށްގެން ކުރިއަށް ގެންދާ މަޝްރޫއެކެވެ. މިމަޝްރޫޢުގެ އަގަކީ 21.65 މިލިއަން ދިވެހި ރުފިޔާ އެވެ. މިމަޝްރޫޢުގެ މަސައްކަތް ނިމުމުން ހަންޏާމީދޫގެ ރައްޔިތުންނަށް ސާފު ބޯފެނުގެ ނިޒާމެއް ލިބިގެންދާނެއެވެ.