Share this post
2024 ވަނަ އަހަރުގެ އޭޕްރީލް މަހުގެ ފެންބިލާއި ކަރަންޓް ބިލަށް ޑިސްކައުންޓް ދިނުން

                           1445 ވަނަ އަހަރު ރަމަޟާން މަހުގެ، ގޭބިސީތަކުގެ ފެންބިލާއި ކަރަންޓުބިލުން ޑިސްކައުންޓް ދެއްވުމަށް ސަރުކާރުން ނިންމެވުމާއި ގުޅިގެން، ފާއިތުވި ރަމަޟާން މަހުގެ ފެން ބިލާއި ކަރަންޓު ބިލަށް އެމް.ޑަބްލިޔު.އެސް.ސީގެ ޑޮމެސްޓިކް ކަސްޓަމަރުންނަށް ކަނޑައެޅިފައިވާ އުސޫލުން ޑިސްކައުންޓު ފޯރުކޮށްދީފައިވާނީ ރަމަޟާންމަހުގެތެރޭގައި 11 މާރޗް އިން ފެށިގެން 11 އެޕްރީލްގެ ނިޔަލަށް ފޮނުވާފައިވާ ބިލްތަކަށެވެ. މިގޮތުން މި މުއްދަތުގެ ތެރޭގައި 14.13 މިލިއަން ރުފިޔާގެ ޑިސްކައުންޓު ދެވިފައިވެއެވެ. އެއީ ޑޮމެސްޓިކް ކެޓަގަރީއަށް ބިލްކުރެވިފައިވާ މިންވަރުގެ %24.5 އެވެ. ނަމަވެސް މިބިލްތަކުގައި ރަމަޟާންމަހު ބޭނުންކުރެވުނު ފެނާއި ކަރަންޓު ހިމެނިފައިވަނީ އެކި މިންވަރަށް ކަމަށްވުމާއެކު ރަމަޟާންމަހުގެ ތެރޭގައި ފޮނުވުނު ބިލްތަކުގެ އިތުރުން ރަމަޟާންމަހުގެތެރޭގައި ބޭނުންކުރެވުނު ފެނާއި ކަރަންޓުގެ އަގަށްވެސް ކަނޑައެޅިފައިވާ އުސޫލުގެ މަތިން ޑިސްކައުންޓު ދިނުމަށް ނިންމަވާފައިވުމާއެކު، މިއަހަރުގެ އޭޕްރީލްމަހުގެ ބިލްތަކަށް އަންނަނިވިގޮތުގެ މަތިން ކަސްޓަމަރުންނަށް ޑިސްކައުންޓު ލިބިވަޑައިގަންނަވާނެއެވެ.  

              2024 އޭޕްރީލް މަހުގެ ބިލް ޑިސްކައުންޓު ހިމަނައިގެން ފޮނުވާފައިވާ މާރޗް މަހުގެ ބިލަށްވުރެ ބޮޑުވާނަމަ، ބޮޑުވާ މިންވަރު ޑިސްކައުންޓްގެ ގޮތުގައި އޭޕްރީލް މަހުގެ ބިލުން އުނިކޮށްދެވޭނެއެވެ. މިގޮތުން އުނިކޮށްދެވޭ މިންވަރަކީ އޭޕްރީލް މަހުގެ ބިލްގެ %10 އަށްވުރެ ކުޑަމިންވަރެއް ކަމުގައިވާނަމަ، %10 އާއި އެއްވަރަށް ޑިސްކައުންޓްގެ މިންވަރު މަތިކޮށްދެވޭނެއެވެ. އަދި، 2024 އޭޕްރީލް މަހުގެ ބިލް މާރޗް މަހުގެ ބިލަށްވުރެ ކުޑަ ނަމަވެސް ޑިސްކައުންޓްގެ ގޮތުގައި އޭޕްރީލް މަހުގެ ބިލުން %10 ޑިސްކައުންޓް ދެވޭނެއެވެ. މީގެ އިތުރުން، އަލަށް ފެން އަދި ކަރަންޓް ލާފައިވާ ފަރާތްތަކަށް ފޮނުވާ ފުރަތަމަ ބިލަކީ 2024 އޭޕްރީލް މަހުގެ ބިލްކަމުގައިވާނަމަ އެފަދަ ފަރާތްތަކަށްވެސް އޭޕްރީލް މަހުގެ ބިލުން 10% ޑިސްކައުންޓް ދެވޭނެއެވެ.

              މަތީގައި ބަޔާންކޮށްފައިވާ ފަދައިން، 2024 އޭޕްރީލް މަހުގެ ޑިސްކައުންޓުގެ ގޮތުގައި ދެވޭ އަދަދާއި، މިހާތަނަށް 2024 އޭޕްރީލް މަހުގެ ބިލް މިކުންފުނިން ފޮނުވާފައިވާ ފަރާތްތަކުގެ ބިލް އިސްވެ ދެންނެވުނު ގޮތަށް އިސްލާޙު ކުރުމުން ޢަދަދުތަކަށް އަންނަ ބަދަލުތަކާއި، ޑިސްކައުންޓުގެ ގޮތުގައި ދެވޭ އަދަދު ކަސްޓަމަރަށް ކުރެޑިޓް ކުރެވޭ ޙާލަތުގައި އެ މަޢުލޫމާތުވެސް 5 މެއި 2024 ވަނަދުވަހުންފެށިގެން އެސް.އެމް.އެސް މެދުވެރިކޮށް ކޮންމެ ކަސްޓަމަރަކަށްވެސް ހިއްސާކުރެވޭނެއެވެ.

              ކަރަންޓުބިލާއި ފެންބިލަށް އިތުރަށް މިލިބިދެވުނު ލުޔާއެކު ލަސްނުކުރައްވައި ބިލްތައް ދެއްކެވުމަށް ހުރިހައި ކަސްޓަމަރުންނަށް އިލްތިމާސް ކުރަމެވެ. މިކުންފުނީގެ ކަސްޓަމަރ ކެއަރ ސެންޓަރުގެ ހޮޓްލައިން 105 އަށް ގުޅުއްވުމުން ނުވަތަ 1050 އަށް އެސް.އެމް.އެސް ފޮނުއްވުމުން ނުވަތަ mail@mwsc.com.mv އަށް އީ-މެއިލްކުރެއްވުމުން މިކަމުގައި އިތުރު މަޢުލޫމާތާއި އެހީތެރިކަން ލިބިވަޑައިގަންނަވާނެއެވެ.