ޢާއްމު ރައްޔިތުންގެ މާލީ ޙާލަތު ރަނގަޅު ކުރުމަށްޓަކައި ސަރުކާރުން ކުރައްވަމުން ގެންދަވާ މަސައްކަތްތަކުގެ ތެރެއިން، ގޭބިސީތަކުގެ ފެންބިލާއި ކަރަންޓް ބިލް ނުދެއްކި ގިނަދުވަސް ވެގެން އަރާފައިވާ ޖޫރިމަނާ ފައިސާ މަޢާފުކޮށްދެއްވުމަށް 24 މާރިޗު 2024 ގައި ސަރުކާރުން ވަނީ ނިންމަވާފައެވެ.
ސަރުކާރުގެ މި ނިންމެވުމާއި ގުޅިގެން، އެމް.ޑަބްލިޔު.އެސް.ސީގެ ޑޮމެސްޓިކް ކަސްޓަމަރުންގެ ބިލްތަކަށް، 31 ޑިސެމްބަރ 2023 ގެ ނިޔަލަށް އަރާފައިވާ ޖޫރިމަނާ މަޢާފްކޮށްދެވޭނެއެވެ. މިގޮތުން، ޖޫރިމަނާ މަޢާފްކޮށްދެވޭނީ އިސްވެ ދެންނެވި ޖޫރިމަނާ ނިސްބަތްވާ ބިލްތަކަށް ދައްކަވަންޖެހޭ ޖުމްލަ ފައިސާ 01 އޭޕްރީލް 2024 އިން ފެށިގެން 31 ޑިސެމްބަރ 2024 އާއި ދެމެދު އެއްކޮށް ދައްކަވައި ޚަލާސްކުރައްވާ ކަސްޓަމަރުންނަށެވެ.
މީގެއިތުރުން، އެއްބަސްވުމެއްގެ ދަށުން އިސްވެދެންނެވި ބިލްތަކަށް މަހުން މަހަށް ބަހާލައިގެން ފައިސާ ދައްކަވައި ޚަލާސްކުރެއްވުމަށް އެދިވަޑައިގަންނަވާ ކަސްޓަމަރުންނަށް، އެއިންތިޒާމް މިކުންފުނިން ހަމަޖައްސަވައި ދެވޭނެއެވެ. މަހުން މަހަށް ބަހާލައިގެން ފައިސާ ދައްކަވާ ކަސްޓަމަރުންނަށް ޖޫރިމަނާ މަޢާފްކޮށްދެވޭނީ އެއްބަސްވުމާއި އެއްގޮތަށް ފައިސާ ދައްކަވައި ޚަލާސްކުރެއްވުމުންނެއެވެ.
މިކުންފުނީގެ ކަސްޓަމަރ ކެއަރ ސެންޓަރުގެ ހޮޓްލައިން 105 އަށް ގުޅުއްވުމުން ނުވަތަ 1050 އަށް އެސް.އެމް.އެސްއެއް ފޮނުއްވުމުން ނުވަތަ mail@mwsc.com.mv އަށް އީ-މެއިލްކުރެއްވުމުން މިކަމުގައި އެހީތެރިކަން ލިބިވަޑައިގަންނަވާނެއެވެ.
ވީމާ، ނުދެއްކި ގިނަދުވަސް ވެގެން ޖޫރިމަނާ އަރާފައިވާ ބިލްތަކަށް ފައިސާ ދައްކަވައި ޚަލާސް ކުރެއްވުމަށް މި ފުރުސަތުގެ ބޭނުން ހިއްޕެވުމަށާއި ޤަވާޢިދުން ބިލްތަކަށް ފައިސާ ދައްކަވަމުން ގެންދެވުމަށް ހުރިހާ ކަސްޓަމަރުންނަށް އިލްތިމާސްކުރަމެވެ.