Share this post
އެމް.ޑަބްލިޔު.އެސް.ސީއިން ޅ.އަތޮޅު ހޮސްޕިޓަލުގައި ޑައިލަސިސް ސެންޓަރގެ ޢިމާރާތް ބިނާކޮށްފި

މާލެ ވޯޓަރ އެންޑް ސްވަރޭޖް ކަމްޕެނީ ޕްރައިވެޓް ލިމިޓެޑް (އެމް.ޑަބްލިޔު.އެސް.ސީ) ގެ ޢިޖްތިމާއީ ޒިންމާގެ ދަށުން، ޅ.އަތޮޅު ހޮސްޕިޓަލުގައި ޑައިލަސިސް ސެންޓަރގެ އިމާރާތް ބިނާކޮށްފިއެވެ. މި ޑައިލަސިސް ސެންޓަރ އިމާރާތް ބިނާކޮށްފައިވަނީ ކިޑްނީގެ ބަލިތަކަށް ފަރުވާ ހޯއްދަވާ ބަލި މީހުންނަށް ޚާއްސަ 2 އެނދާއި، 1 އައިސޮލޭޝަން ރޫމް އަދި ޑައިލިސިސް ޚިދުމަތް ފޯރުކޮށްދިނުމަށް ބޭނުންވާ އެންމެ ޒަމާނީ ވަޞީލަތްތައް ޤާއިމްކުރެވޭނެ ގޮތަށެވެ.

ޅ. ނައިފަރުގައި ޤާއިމްކުރެވުނު މި ޑައިލަސިސް ސެންޓަރު ތަރައްޤީ ކުރުމުގެ މަޤްޞަދަކީ، މިސަރަހައްދުގެ އަތޮޅުތަކުގައި ދިރިއުޅުއްވާ، ކިޑްނީ ބައްޔަށް ފަރުވާ ހޯއްދަވާ ފަރާތަކަށް ފަސޭހަކަމާއެކު ފެންވަރު ރަނގަޅު ޞިއްޙީ ޚިދުމަތްތައް ފޯރުކޮށްދިނުމެވެ. މިގޮތުން، މި ސެންޓަރުގެ ސަބަބުން މި ސަރަހައްދުގައި ކިޑްނީ ބައްޔަށް ފަރުވާ ހޯއްދަވާ ފަރާތްތައް މާލެ އައުމުގެ ބަދަލުގައި، ރަށުގައި ތިބެގެން ނުވަތަ އަތޮޅުން ވީހާވެސް ގާތުން، ފަސޭހަކަމާއެކު މި ޚިދުމަތް ލިބޭނެ އިންތިޒާމް ހަމަޖެހިގެންދާނެއެވެ. މީގެ އިތުރުން، ކިޑްނީގެ ބަލިތަކަށް ފަރުވާ ހޯއްދެވުމަށް ކުރަންޖެހޭ ހޭދައާއި، ޚިދުމަތް ހޯއްދެވުމުގައި އުފުލަންޖެހޭ ތަކްލީފުތަކަށް މިސެންޓަރުގެ ސަބަބުން ލުޔެއް ލިބިގެންދާނެއެވެ. މިސެންޓަރުގެ ޚިދުމަތް މި ފެށޭ ފެބުރުވަރީ މަހުގެ ތެރޭގައި އާއްމުންނަށް ލިބިގެންދާނެއެވެ.

ޅ.އަތޮޅު ހޮސްޕިޓަލުގައި ޑައިލަސިސް ސެންޓަރު ބިނާކުރުމަށް 8 ލައްކައަށް ވުރެން ގިނަ ރުފިޔާ މިކުންފުނީގެ ޢިޖްތިމާއީ ޒިންމާގެ ދަށުން ވަނީ ހޭދަކުރެވިފައެވެ. އެމް.ޑަބްލިއު.އެސް.ސީގެ އަމާޒަކީ، މިކުންފުނިން ތަރައްޤީގެ ހަރުފަތްތައް ގިރާކުރަމުން ދާއިރު، ކުރިމަގުގައިވެސް މިކުންފުނީގެ ޢިޖްތިމާއީ ޒިންމާގެ ދަށުން، ދިވެހި މުޖްތަމަޢުއަށް ލާބައާއި މަންފާ ލިބިދެނިވި އެކި ދާއިރާތަކުން އެހީތެރިކަން ފޯރުކޮށްދިނުމެވެ.