Share this post
ބ.ދަރަވަންދޫގެ ނަރުދަމާ ނިޒާމް ޤާއިމްކުރުމުގެ ޢަމަލީ މަސައްކަތް ދަނީކުރިއަށް.

ބ.ދަރަވަންދޫގެ ނަރުދަމާ ނިޒާމް ޤާއިމްކުރުމުގެ ޢަމަލީ މަސައްކަތްތައް އެމް.ޑަބްލިޔު.އެސް.ސީއިން އަންނަނީ ކުރަމުންނެވެ. މިގޮތުން، ނަރުދަމާ ނިޒާމް ޤާއިމްކުރުމަށް ބޭނުންވާ ހޮޅިއާއި އެހެނިހެން ތަކެތި ވަނީ ދަރަވަންދޫއަށް ގެންދެވިފައެވެ. އަދި މިހާރު ކުރިޔަށްދަނީ ނަރުދަމާ ނިޒާމްގެ މައި ނެޓްވޯކްގެ ހޮޅިވަޅުލުމުގެ މަސައްކަތްތަކެވެ.

މި މަޝްރޫޢުގެ ދަށުން  ދަރަވަންދޫގައި 9.54 ކިލޯ މީޓަރުގެ ދިގު ނަރުދަމާ މައި ނެޓްވޯކް ޤާއިމްކުރުމާއި، 780 މީޓަރގެ ޕަންޕިން ލައިން އެޅުމާއި، 3 ޕަންޕިންގ ސްޓޭޝަނާއި އަދި 1 ސީ އައުޓް ފޯލް ޤާއިމްކުރުން ހިމެނެއެވެ. އަދި  ގޭގޭގައި ޖަންކްޝަން ބަހައްޓައި، ނަރުދަމާ ކަނެކްޝަން ގުޅައިދީ މި ގެތަކަށް ނަރުދަމާގެ ޚިދުމަތް ފޯރުކޮށްދެވިގެން ދާނެއެވެ. މީގެ އިތުރުން މިމަޝްރޫޢުގެ ދަށުން ނަރުދަމާ ނިޒާމް ހިންގާ ބެލެހެއްޓުމަށް ބޭނުންވާ ވެހިކަލް ފޯރުކޮށްދިނުމަށްވެސް ވަނީ ހަމަޖެހިފައެވެ.  

ދަރަވަންދޫގެ ނަރުދަމާގެ މަޝްރޫޢުއަކީ މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ފަރާތުން މިކުންފުންޏާއި ހަވާލުކޮށްގެން ކުރިއަށް ގެންދާ މަޝްރޫޢެކެވެ. މިމަޝްރޫޢުގެ އަގަކީ ޖުމްލަ 40.29 މިލިއަން ދިވެހި ރުފިޔާއެވެ. މިމަޝްރޫޢުގެ މަސައްކަތް ނިމުމުން ދަރަވަންދޫގެ ރައްޔިތުންނަށް ރައްކާތެރި ނަރުދަމާގެ ނިޒާމެއް ލިބިގެންދާނެއެވެ.