Share this post
އެމް.ޑަބްލިޔު.އެސް.ސީއިން ބ.ގޮއިދޫގައި ޤާއިމްކުރި ފެނާއި ނަރުދަމާ ނިޒާމް އިފްތިތާޙްކޮށްފި.

  އެމް.ޑަބްލިޔު.އެސް.ސީއިން ބ.ގޮއިދޫގައި ކުރިއަށް ގެންދިޔަ ފެނާއި ނަރުދަމާ ނިޒާމް ޤާއިމްކުރުމުގެ މަޝްރޫޢުގެ މަސައްކަތްތައް ނިންމައި އިފްތިތާޙްކޮށްފިއެވެ. ބ.ގޮއިދޫގެ ފެނާއި ނަރުދަމާ ނިޒާމް އިފްތިތާޙް ކޮށްދެއްވީ އެރަށުގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް އެވެ. މިރަސްމިއްޔާތުގައި މިކުންފުނީގެ މެނޭޖިން ޑިރެކްޓަރު ޙަސަން ޝާހު އާއި ދައުލަތުގެ ވަޒީރުންނާއި، މިކުންފުނީގެ ހީވާގި މުވައްޒަފުންގެ އިތުރުން ރަށުގެ ރައްޔިތުން ބައިވެރިވިއެވެ.

       މިރަށުގެ ފެނުގެ ނިޒާމް ޤާއިމް ކުރުމުގެ މަސައްކަތުގެ ދަށުން، ފެން ޕްލާންޓް ބެހެއްޓުމަށް އިމާރާތްކުރާ ފެސިލިޓީ ބިލްޑިންގ ޤާއިމްކޮށް، ފެން ހޮޅީގެ މައިނެޓްވޯރކް އަޅައި އަދި ގޭގެޔަށް ފެނުގެ ކަނެކްޝަން ވަނީ ގުޅައިދީފައެވެ. މީގެ އިތުރުން، ފެން އުފެއްދުމަށްޓަކައި ފެންޕްލާންޓް ބަހައްޓައި  ބޯހޯލް ތޮރުފައި އަދި ރިޖެކްޓް ލައިންވެސް ވަނީ އަޅާފައެވެ. އަދި ފެން ރައްކާކުރުމަށްޓަކައި ފެންތާނގީ ވެސް ވަނީ ބަހައްޓާފައެވެ. މިރަށުގެ ނަރުދަމާ ނިޒާމް ޤާއިމް ކުރުމުގެ މަސައްކަތުގެ ދަށުން، ނަރުދަމާގެ މައިނެޓްވޯކްއާއި ޕަމްޕިންގ ލައިން އަޅައި، ނަރުދަމާގެ އިދާރީ ބިލްޑިންގ ޢިމާރާތްކޮށް، ޕަމްޕިންގ ސްޓޭޝަން ޤާއިމްކޮށް އަދި ސީ އައުޓްފޯލް ވަނީ އަޅާފައެވެ. އަދި ގޭގެގައި ޖަންކްޝަން ބަހައްޓައި، ނަރުދަމާގެ ކަނެކްޝަން ވަނީ ގުޅައިދެވިފައެވެ. މީގެ އިތުރުން، މިމަޝްރޫޢުގެ ދަށުން ނަރުދަމާ ނިޒާމް ހިންގާ ބެލެހެއްޓުމަށް ބޭނުންވާ ޖަނެރޭޓަރ ސެޓާއި ވެހިކަލް އަދި ފެން ތަޙްލީލު ކުރުމަށް ބޭނުންވާ ސާމާނު ވަނީ ފޯރުކޮށް ދެވިފައެވެ.

     ބ.ގޮއިދޫގެ ފެނާއި ނަރުދަމާ ނިޒާމް ޤާއިމްކުރުމުގެ މަޝްރޫޢަކީ މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ފަރާތުން އެމް.ޑަބްލިޔު.އެސް.ސީ އާއި ހަވާލުކޮށްގެން ކުރިޔަށްގެންދިޔަ މަޝްރޫޢުއެކެވެ. މިމަޝްރޫޢުގެ ޖުމްލަ އަގަކީ 46.30 މިލިއަން ދިވެހި ރުފިޔާއެވެ. މިމަޝްރޫޢުގެ ސަބަބުން ގޮއިދޫގެ ރައްޔިތުންނަށް ސާފު ބޯފެނާއި ރައްކާތެރި ނަރުދަމާ ނިޒާމެއް ލިބިގެންދާނެއެވެ.