Share this post
އެމް.ޑަބްލިޔު.އެސް.ސީއިން ރ.އިންނަމާދޫގައި ޤާއިމްކުރި ފެނުގެ ނިޒާމް އިފްތިތާޚްކޮށްފި.

  އެމް.ޑަބްލިޔު.އެސް.ސީއިން ރ.އިންނަމާދޫގައި ކުރިއަށް ގެންދާ ފެނުގެ ނިޒާމުގެ ޤާއިމްކުރުމުގެ މަޝްރޫއުގެ މަސައްކަތްތައް ނިންމައި އިފްތިތާޙް ކޮށްފިއެވެ. ރ.އިންނަމާދޫގެ ފެނުގެ ނިޒާމް އިފްތިތާޙް ކޮށްދެއްވީ އެރަށުގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް އެވެ. މިރަސްމިއްޔާތުގައި މިކުންފުނީގެ މެނޭޖިން ޑިރެކްޓަރު ޙަސަން ޝާހު އާއި ދައުލަތުގެ ވަޒީރުންނާއި، މިކުންފުނީގެ ހީވާގި މުވައްޒަފުންގެ އިތުރުން ރަށުގެ ރައްޔިތުން ބައިވެރިވިއެވެ.

މިރަށުގެ ފެނުގެ ނިޒާމް ޤާއިމް ކުރުމުގެ މަސައްކަތުގެ ދަށުން، ފެން ޕްލާންޓް ބެހެއްޓުމަށް އިމާރާތްކުރާ ފެސިލިޓީ ބިލްޑިންގ ޤާއިމްކޮށް، ފެން ހޮޅީގެ މައިނެޓްވޯރކް އަޅައި އަދި ގޭގެޔަށް ފެނުގެ ކަނެކްޝަން ވަނީ ގުޅައިދީފައެވެ. މީގެ އިތުރުން، ފެން އުފެއްދުމަށްޓަކައި ފެންޕްލާންޓް ބަހައްޓައި  ބޯހޯލް ތޮރުފައި އަދި ރިޖެކްޓް ލައިންވެސް ވަނީ އަޅާފައެވެ. އަދި ފެން ރައްކާކުރުމަށްޓަކައި ފެންތާނގީ ވެސް ވަނީ ބަހައްޓާފައެވެ. މީގެ އިތުރުން މި މަޝްރޫޢުގެ ދަށުން ފެން ތަޙުލީލު ކުރުމަށް ބޭނުންވާ ސަމާނު ވަނީ ފޯރުކޮށްދީފައެވެ.

ރ.އިންނަމާދޫގެ ފެނުގެ ނިޒާމް ޤާއިމްކުރުމުގެ މަޝްރޫޢަކީ މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ފަރާތުން އެމް.ޑަބްލިޔު.އެސް.ސީ އާއި  ހަވާލުކޮށްގެން ކުރިޔަށްގެންދިޔަ މަޝްރޫޢުއެކެވެ. މިމަޝްރޫޢުގެ ޖުމްލަ އަގަކީ 50.77 މިލިއަން ދިވެހި ރުފިޔާއެވެ. މިމަޝްރޫޢުގެ ސަބަބުން އިންނަމާދޫގެ ރައްޔިތުންނަށް ސާފު ބޯފެނުގެ ނިޒާމެއް ލިބިގެންދާނެއެވެ.