އެމް.ޑަބްލިޔު.އެސް.ސީ ގެ ނަރުދަމާ ނިޒާމުގެ ޕަމްޕް ސްޓޭޝަންތައް ޤާއިމްކުރެވިފައިވާ ސަރަހައްދުތަކުގައި ހުންނަ ނޭދެވޭ ވަހުގެ ސަބަބުން ޢާއްމު ރައްޔިތުންނަށް އުނދަގޫވުން ނިމުމަކަށް ގެނައުމަށް އަމާޒުކޮށް އެ ސަރަހައްދުތަކުން ވަސްދުވުން ހުއްޓުވުމުވަށް ޒަމާނީ ވަސީލަތްތައް ޤާއިމްކޮށް ބޭނުންކުރަން ފަށައިފިއެވެ.
މިގޮތުން ޤާއިމްކުރެވުނު ފުރަތަމަ އޮޑަރ ކޮންޓްރޯލް ސިސްޓަމް ބަހައްޓާ ބޭނުންކުރަން ފަށާފައިވަނީ އިންދިރާގާނދީ މެމޯރިއަލް ހޮސްޕިޓަލް ސަރަހައްދުގައި ހުންނަ 4 ނަމްބަރ ޕަމްޕް ސްޓޭޝަންގައެވެ. ނަރުދަމާ ނިޒާމުގެ ޕަމްޕްސްޓޭޝަންގެ ވެންޓިލޭޝަންއަށް މި ގެނެވުނު ބަދަލުގެ ތެރެއިން ޕަމްޕު ސްޓޭޝަންތަކުގައ މިހާރު ހުންނަ ވަސްހޮޅި ނަގައި، ޒަމާނީ އައު ނިޒާމެއް ޕަމްޕު ސްޓޭޝަންތަކުގައި ބެހެއްޓިގެން ދާނެއެވެ. ވައިސާފުކުރާ މި ނިޒާމުގެ ސަބަބުން ޕަމްޕްސްޓޭޝަންއިން ޖައްވުތެރެއަށްދާ ވައިގާ ހުންނަ ނޭދެވޭ ވަހުގެ މިންވަރު 99% އިން ސައްތައަށް ދަށް ކުރެވޭނެ ކަމަށް ބެލެވެއެވެ.
މި ވަސީލަތްތައް ދެން ޤާއިމް ކުރެވޭނީ މާލޭގެ ޕަމްޕު ސްޓޭޝަން 2 ގައެވެ. އެއަށްފަހު މާލޭގައި ޤާއިމްކުރެވިފައިވާ 9 ޕަމްޕު ސްޓޭޝަންގައި މި ވަސީލަތްތައް ޤާއިމްކުރުމުގެ މަސައްކަތް އެއް އަހަރުގެ މުއްދަތަށް ބަހާލައިގެން ކުރިއަށް ގެންދިޔުމަށްވަނީ ހަމަޖެހިފައެވެ. ޖާގަލިބޭ ތަންތަނުގައި، މި ވަސީލަތްތަކަށް ބޭނުންވާ ކަރަންޓު އުފެއްދުމަށް ސޯލާޕެނަލް ހަރުކޮށް ޕަމްޕްސްޓޭޝަން ތަކަކީ ތިމާވެއްޓާ ރައްޓެހި ދެމެހެއްޓެނިވި ވަސީލަތްތައް ބޭނުންކުރާ ތަންތަނަށް ބަދަލު ކުރެވޭނެއެވެ.
މި ސިސްޓަމް އަލަށް ހަރުކުރެވުނު ސަރަހައްދުގައި މީޑިއާތަކާ ބައްދަލުކުރައްވައި އެމް.ޑަބްލިޔު.އެސް.ސީގެ މެނޭޖިން ޑިރެކްޓަރ ޢަބްދުލް މަތީން ވިދާޅުވީ، މި ޒަމާނީ އައު ނިޒާމަކީ ޕަމްޕު ސްޓޭޝަންތައް ހުންނަ ސަރަހައްދުތަކުގެ ރައްޔިތުންނަށް އެސަރަހައްދުތަކުގައި ހުންނަ ނޭދެވޭ ވަހުގެ ސަބަބުން ތަހައްމަލު ކުރާ އުނދަގޫތަކަށް ދާއިމީ ޙައްލެއް ފޯރުކޮށްދިނުމަށް، ކުންފުނިން އެކި ކަހަލަ ދިރާސާކުރުމަށްފަހު ބެހެއްޓިގެން ދިޔަ އައު ނިޒާމެކެވެ. އަދި މިއީ ކުންފުނި ޒަމާނީކޮށް ތިމާވެއްޓާ ރައްޓެހި ވަސީލަތްތައް ބޭނުންކޮށް ދެމެހެއްޓެނިވި ގޮތެއްގައި ޚިދުމަތް ފޯރުކޮށްދިނުމަށް ބޭނުންވާ ވަސީލަތްތައް ޤާއިމްކުރުމަށް ކުރާ މަސައްކަތުގައި ކުރިއަށް އެޅުނު ފިޔަވަޅެކެވެ.
މިއީ މާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ހިތްފަސޭހަ ދިރިއުޅުމެއް ފަހިކޮށްދިނުމަށް ރައީސް ޑރ.މުޢިއްޒު ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅުގެ ދަށުން، އެމް.ޑަބްލިޔު.އެސް.ސީ އިން އިސްކަންދީގެން ކުރިއަށް ގެންދާ ޚާއްޞަ މަސައްކަތެކެވެ.