އެމް.ޑަބްލިޔު.އެސް.ސީއިން ހއ.މުރައިދޫގައި ކުރިއަށް ގެންދިޔަ ފެނުގެ ނިޒާމް ޤާއިމްކުރުމުގެ މަޝްރޫޢުގެ މަސައްކަތްތައް ނިންމައި އިފްތިތާޙްކޮށްފިއެވެ. ހއ.މުރައިދޫ ފެނުގެ ނިޒާމް އިފްތިތާޙް ކޮށްދެއްވީ އެރަށުގައި ބޭއްވި ރަސްމިއްޔާތެއްގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙް އެވެ. މިރަސްމިއްޔާތުގައި މިކުންފުނީގެ މެނޭޖިން ޑިރެކްޓަރު ޙަސަން ޝާހު އާއި ދައުލަތުގެ ވަޒީރުންނާއި، ފެނަކަ ކޯޕަރޭޝަންގެ އިސްވެރިންނާއި، މިކުންފުނީގެ ހީވާގި މުވައްޒަފުންގެ އިތުރުން ރަށުގެ ރައްޔިތުން ބައިވެރިވިއެވެ.
މިމަޝްރޫޢުގެ ދަށުން، މުރައިދޫގައި ފެން ޕްލާންޓް ބެހެއްޓުމަށް އިމާރާތްކުރާ ފެސިލިޓީ ބިލްޑިންގ ޤާއިމްކޮށް، ފެން ހޮޅީގެ މައިނެޓްވޯރކް އަޅައި އަދި ގޭގެޔަށް ފެނުގެ ކަނެކްޝަން ވަނީ ގުޅައިދީފައެވެ. މީގެ އިތުރުން، ފެން އުފެއްދުމަށްޓަކައި ފެންޕްލާންޓް ބަހައްޓައި ބޯހޯލް ތޮރުފައި އަދި ރިޖެކްޓް ލައިންވެސް ވަނީ އަޅާފައެވެ. އަދި ފެން ރައްކާކުރުމަށްޓަކައި ފެންތާނގީ ވެސް ވަނީ ބަހައްޓާފައެވެ. މީގެ އިތުރުން މި މަޝްރޫޢުގެ ދަށުން ފެން ތަޙުލީލު ކުރުމަށް ބޭނުންވާ ސަމާނު ވަނީ ފޯރުކޮށްދީފައެވެ
ހއ.މުރައިދޫގެ ފެނުގެ މަޝްރޫޢަކީ މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ފަރާތުން އެމް.ޑަބްލިޔު.އެސް.ސީ އާއި ހަވާލުކޮށްގެން ކުރިޔަށްގެންދިޔަ މަޝްރޫޢުއެކެވެ. މިމަޝްރޫޢުގެ ޖުމްލަ އަގަކީ 46.85 މިލިއަން ދިވެހި ރުފިޔާއެވެ. މިމަޝްރޫޢުގެ ސަބަބުން މުރައިދޫގެ ރައްޔިތުންނަށް ސާފު ބޯފެނުގެ ނިޒާމެއް ލިބިގެންދާނެއެވެ.