Share this post
އެމް.ޑަބްލިޔު.އެސް.ސީ އިންް، ދުނިޔޭގެ ތިމާވެށީގެ ދުވަހާއި ދުނިޔޭގެ ކަނޑުތަކުގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ކުރެހުމުގެ މުބާރާތެއް އިފްތިތާހް ކޮށްފި

އެމް.ޑަބްލިޔު.އެސް.ސީ އިން ދުނިޔޭގެ ތިމާވެށީގެ ދުވަހާއި ދުނިޔޭގެ ކަނޑުތަކުގެ ދުވަސް ފާހަގަ ކުރުމުގެ ގޮތުން "ފެނުން ދިރުން" މި ނަމުގައި ކުރެހުމުގެ މުބާރާތެއް އިފްތިތާހް ކޮއްފިއެވެ. 8 ޖޫންގައި ސަލްޓަން ޕާރކުގައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި މުބާރާތް އިފްތިތާހް ކޮށްދެއްވީ މިނިސްޓަރ އޮފް ޔޫތު އެމްޕަވަރމަންޓް، އިންފޮމޭޝަން އެންޑް އާޓްސް އަލްފާޟިލް އިބްރާހީމް ވަޙީދު އަދި މިކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަލްފާޟިލް ޢަބްދުލް މަތީން މުޙައްމަދުއެވެ. އަދި މިރަސްމިއްޔާތުގައި މިނިސްޓްރީގެ އިސް ބޭފުޅުންނާއި، ނެޝަނަލް ސެންޓަރ ފޯ ދި އާރޓްސް ގެ އިސް ބޭފުޅުންގެ އިތުރުން އެމް.ޑަބްލިޔު.އެސް.ސީގެ ބޯރޑް މޭމްބަރުންނާއި، މެނޭޖުމަންޓް ޓީމުގެ އިސް ބޭފުޅުން ބައިވެރިވިއެވެ.

މިމުބާރާތުގައި ބައިވެރިކުރާ ކުރެހުންތަކުން އެންމެ މޮޅު ތިން ކުރެހުމަކަށް ކަނޑައެޅިފައިވާ ފައިސާގެ އިނާމެއް ލިބިގެންދާނެއެވެ. މިގޮތުން 1 ވަނަ އަށް ހޮވޭ ފަރާތަށް 50,000 ރުފިޔާ، 2 ވަނަ އަށް ހޮވޭ ފަރާތަށް 35،000 ރުފިޔާ އަދި 3 ވަނަ އަށް ހޮވޭ ފަރާތަށް 15،000 ރުފިޔާގެ ފައިސާގެ އިނާމު ލިބިގެން ދާނެ އެވެ. މީގެ އިތުރުން އެންމެ މޮޅު ފަސް ކުރެހުމެއް ހޮވައި އެކުރުހުންތަކަށްވެސް ފައިސާގެ އިނާމެއް ލިބިގެންދާނެއެވެ. މި 5 ކުރެހުން ހޮވިގެން ދާނީ އާންމުންގެ މެދުގައި އެންމެ މަގުބޫލު 5 ކުރެހުމަށް ބެލުފަހުއެވެ. "ފެނުން ދިރުން" ކުރެހުމުގެ މުބާރާތް އިންސާފު ކުރުމަށް ހަމަޖެހިފައިވަނީ އެން.ސީ.އޭ އިން އެކުލަވާލައިފައިވާ ކުރެހުމުގެ ދާއިރާއިން ފުންނާބު އުސް ފަނޑިޔާރުންގެ ޕެނަލްއަކުންނެވެ.

މި މުބާރާތުގައި ބައިވެރި ވުމުގެ ފުރުސަތު، 18 އަހަރުން މަތީ ކޮންމެ ބޭފުޅަކަށްވެސް ވަނީ ހުޅުވާލެވިފައެވެ. މިގޮތުން މިމުބާރާތުގެ ވެބްސައިޓް www.fenundhirun.mwsc.com.mv މެދުވެރިކޮށް ރަޖިސްޓަރ ކޮށް އަދި މި މުބާރާތާ ބެހޭ އިތުރު މައުލޫމާތު ލިބިގެން ދާނެއެވެ. މީގެ އިތުރުން މިމުބާރާތުގައި ބައިވެރިކުރާ ކުރެހުންތަައް އާންމުންނަށް ދައްކާލުމަށްޓަކައި ނެޝަނަލް އާރޓްސް ގެލަރީގައި ޚާއްސަ މައުރަޒެއް ޖުލައި މަހުގެ 27 އިން 30 އަށް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.

މީގެ އިރުތުރުން މި މުބާރާތުގަައި ބައިވެރި ކުރެވޭ ކުރެހުންތައް އާންމުންނަށް ގަތުމަށް ހުޅުވާލައި ކުރެހުންތައް ވިއްކުމުގެ ފުރުސަތުވެސް އެގްޒިބިޝަންގައި ހުޅެވިގެން ދާނެއެވެ. މިގޮތުން، ކޮންމެ އާޓިސްޓަކަށް ކުރެހުމުގެ އަގުގެ 15% ލިބިގެންދާނެއެވެ. އަދި ބާކީ %85 ބޭނުން ކުރެވޭނީ ކުރެހުންތެރިންގެ ނަމުގައި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ގަސް އިންދުމަށެވެ.

އެމް.ޑަބްލިޔު.އެސް.ސީ ގެ އަމާޒަކީ ދެމެހެއްޓެނެވި ގޮތެއްގައި މުޖުތަމަޢަށް ފައިދާ ކުރުވާފަދަ ޙަރަކާތްތަކެއް ހިންގުމެވެ. އަދި، މި ފަދަ ޙަރަކާތްތަކުން ފަރުދީ ޒިންމާ އިތުރުވެ ފަހި މާދަމާ އަކަށް މަގުފަހިވެގެންދިއުމެވެ.