Share this post
އެމް.ޑަބްލިޔު.އެސްސީ އާއި ބެހޭގޮތުން "ޕާޓިކަލްސް" އިން ކޮށްފައިވާ ޓްވީޓް އާއި ގުޅޭ

އެމް.ޑަބްލިޔު.އެސް.ސީ އިން ކޮންޓްރެކްޓް އުޞޫލުން "ޕާޓިކަލްސް" ނަމަކަށް ކިޔާ ކުންފުންޏަކާއި ޙަވާލުކޮށްގެން ތައްޔާރު ކޮށްފައިވާ "ޓްރާންސްޕޯޓް މެނޭޖްމަންޓް އެޕްލިކޭޝަން" ގެ މަސައްކަތަށް ފައިސާ ނުދީ ހިފަހައްޓައި، މިކުންފުނީގެ މުވައްޒަފުނ ނަހަމަ ގޮތުގައި ކޮންޓްރެކްޓަރ އަތުން ފައިސާ ހޯދުމަށް މަސައްކަތް ކޮށްފައި ވާކަމަށް ބުނެ، "ޕާޓިކަލްސް" ކުންފުނިން ކޮށްފައިވާ ޓްވީޓް ގައި ބުނެފައިވާ ވާހަކަތަކަކީ ހަގީގަތާއި ޚިލާފް ވާހަކަތަކެއް ކަމުގައި ދަންނަވަމެވެ.  އަދި މިކަމާއި ގުޅޭގޮތުން މީސްމީޑިއާ އަދި ޚަބަރު ފަތުރާ ބައެއް ވަޞީލަތްތައް މެދުވެރިކޮށް ދައުރު ވަމުން ދާ ޚަބަރަކީވެސް ޙަޤީޤަތާއި ޚިލާފް ޚަބަރެއް ކަމުގައި ދަންނަވަމެވެ.

މިމައްސަލަ އާއި ގުޅިގެން މިކުންފުނީގެ މުވައްޒަފުން އަދާކޮށްފައިވާ ދައުރާއި، ކޮންޓްރެކްޓަރާއި މިކުންފުންޏާއި ދެމެދު ކަންހިނގާދިޔަ ގޮތް ވަނީ ބަލާފައެވެ. މިގޮތުން، މިކުންފުނިން "ޕާޓިކަލްސް" އަށް ދޭންޖެހޭ ފައިސާ ނުދީ ހިފެހެއްޓުމަށް މިކުންފުނީގ އެއްވެސް މުވައްޒަފަކު މަސައްކަތް ކޮށްފައި ނުވާކަމާއި، އަދި ކުންފުނީގެ އެއްވެސް މުވައްޒަފަކު ނަހަމަ ގޮތުގައި ކޮންޓްރެކްޓަރ އަތުން ފައިސާ ހޯދުމަށް އެއްވެސް މުޢާމަލާތެއް ހިންގާފައި ނުވާކަން ފާހަގަ ކުރަމެވެ. ހަމަ މިއާއި އެކު، މިކުންފުންޏާއި "ޕާޓިކަލްސް" އާއި ދެމެދު ވެފައިވާ އެއްބަސްވުމުގައި ބިލަށް ފައިސާ ދެއްކުމަށް ބަޔާން ކޮށްފައިވާ އުޞޫލްތަކާއި އެއްގޮތަށ މިކުންފުނިން ޢަމަލު ކުރަމުން ދާއިރު، ފައިސާ ދެއްކުމަށް ކަނޑައަޅާފައިވާ މުއްދަތަށް ކޮންޓްރެކްޓަރަށް ފައިސާ ނުދެއްކި ލަސްވެފައި ނުވާކަންވެސް ފާހަގަ ކުރަމެވެ.

މިފަދަ ޙަޤީޤަތާއި ޚިލާފު ޚަބަރުތައް މީޑިއާގައި ފެތުރުމަކީ އެމް.ޑަބްލިޔު.އެސްސީ އާއި މެދު އާމުންގެ ތެރޭގައި އޮންނަ އިތުބާރު ގެއްލި، ޝައްކާއި ވަހުމް އުފައްދައި އަދި މިކުންފުނީގެ ނަން ކިލަނބު ވެގެންދާނެ ކެމެކެވެ. ވުމާއިއެކު، ޙަޤީޤަތާއި ޚިލާފު މިފަދަ ޚަބަރުތައް ނުފެތުރުމަށް މިކުންފުނިން އިލްތިމާސްކުރަމެވެ.