Share this post
ސްކޫލްތަކުގެ ޕްރިންސިޕަލުން ތަމްރިނުކުރުމުގެ ޚާއްޞަ ސްކޮލަރޝިޕް ޕްރޮގުރާމްތައް ސްޕޮންސަރ ކުރުމުގެ ފަހުމުނާމާއެއްގައި ސޮއިކޮށްފި

ސްކޫލްތަކުގެ ހިނގުން ހަރުދަނާ ކުރުމުގެ ގޮތުން ޤާބިލް ޕްރިންސިޕަލުން އުފެއްދުމަށްޓަކައި، ޕްރިންސިޕަލުން ތަމްރީން ކުރުމަށް ބޭނުންވާ ޙާއްސަ ސްކޮލަރޝިޕް ޕްރޮގްރާމްތައް ސްޕޮންސަރ ކުރުމަށް މާލެ ވޯޓަރ އެންޑް ސުވަރޭޖް ކަމްޕެނީ (އެމް.ޑަބްލިޔު.އެސް.ސީ) އާއި މިނިސްޓްރީ އޮފް އެޑިއުކޭޝަން އެކު ފަހުމުނާމާއެއްގައި ސޮއިކޮށްފިއެވެ. މި ފަހުމުނާމާގައި ސޮއިކޮށްފައިވަނީ، މިއަދު އެޑިއުކޭޝަން މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތުގައި، މިނިސްޓަރ އޮފް އެޑިއުކޭޝަން ފަރާތުން ޕަރމަނަންޓް ސެކްރެޓަރީ އަލްފާޟިލް އަޙްމަދު ޢަލީ އަދި އެމް.ޑަބްލިޔު.އެސް.ސީގެ ފަރާތުން މެނޭޖިންގ ޑިރެކްޓަރު އަލްފާޟިލް ހަސަން ޝާޙް އެވެ. މި ރަސްމިއްޔާތުގައި މިނިސްޓްރީ އާއި އެމް.ޑަބްލިޔު.އެސް.ސީގެ އިސް ބޭފުޅުން ބައިވެރިވެވަޑައިގެންނެވިއެވެ.

 

މިފަހުމުނާމާގެ ދަށުން، ރާއްޖޭގެ ސްކޫލްތަކަށް ބޭނުންވާ ޤާބިލް ޕްރިންސިޕަލުން އުފައްދާ ތަމްރީން ކުރުމަށްޓަކައި މާސްޓަރސް ޑިގްރީ ލެވެލް ކޯހުގެ 10 ސްކޮޕަލަރޝިޕް އާއި އަދި ކުރު މުއްދަތުގެ 110 ކޯސް ސްޕޮންސަރ ކުރުމަށް ވަނީ ހަމަޖެހިފައެވެ. ދެ އަހަރު ދުވަހުގެ މުއްދަތައް ކުރިޔަށް ގެންދިޔުމަށް ރާވާފައިވާ މިޕްރޮގްރާމްތައް ކުރިޔަށް ގެންދިޔުމަށް ހަމަޖެހިފައި ވަނީ އެމް.ޑަބްލިޔު.އެސް.ސީގެ އިޖްތިމާޢީ ޒިންމާގެ ދަށުންނެވެ. ރާއްޖޭގައި ސްކޫލްތައް ހިނގުމަށް ޚާއްސަވެގެން ތަމްރީން ލިބިފައިވާ ބޭފުޅުން މަދުކާމައި އެކު ސްކޫލްތައް އެންމެ އެކަށީގެންވާ ގޮތެއްގައި ހިނގުމަށް ވަނީ ދަތިތަކެއް ދިމާވެފައެވެ. ދަރިވަރުންނަށް ރަނގަޅު ތައުލީމެއް ފޯރުކޮށްދިނުމާއި ސްކޫލްތަކުގައި ކިޔަވައިދިނުން ރަނގަޅު ކުރުމަށްޓަކައި ފެންވަރު ރަނގަޅު ޕްރިންސިޕަލުން ތިބުމަކީ ކޮންމެހެން މުހިނމުކަމެކެވެ. އަދި އިލްމީ ޤާބިލް ރަނގަޅު ޕްރިންސިޕަލުން ސްކޫލްތަކުގައި މަސައްކަތްކުރުމަކީ ދަރިވަރުން ރަނގަޅު ނަތީޖަ ހޯދުމަށް މެދުވެރިވާ ސަބަބެއްވެސް މެއެވެ.

 

މުޖުތަމަޢަށް ނުހަނު ބޮޑަށް ބޭނުންޖެހިފައިވާ ރޮނގަކުން ދިވެހިން އުނގެނުމާއި ބިނާކުރުމަށް މިފަދަ ފުރުސަތެއް، އެމް.ޑަބްލިޔު.އެސް.ސީގެ އިޖްތިމާޢީ ޒިންމާގެ ދަށުން ފަހިކޮށް ދެވުމަކީ މިކުންފުންޏަށް ލިބިގެންދިޔަ ވަރަށް ބޮޑު އުފަލާކާއި ޝަރަފެކެވެ. އަދި މިއީ މުޖްތަމަޢަށް އޭގެ މަންފާއާއި ލާބަ ނުހަނު ބޮޑަށް ލިބިގެންދާނެ ކަމެއްކަމުގައިވެސް ކުންފުނިންން ދެކެމެވެ.  އެމް.ޑަބްލިއު.އެސް.ސީއިން އަބަދުވެސް މަސައްކަތް ކުރަމުން އަންނަނީ މުޖްތަމަޢުގެ ކުރިއެރުމާއި، ލާބައާއި އަދި މަންފާއަށް އެހީތެރިކަން ފޯރުކޮށްދިނުމެވެ.