Share this post
އެމް.ޑަބްލިޔު.އެސް.ސީގެ 27 ވަނަ އަހަރީދުވަސް ފާހަގަކުރުމުގެގޮތުން ޚާއްސަ ރަސްމިއްޔާތެއް ބާއްވައިފި

އެމް.ޑަބްލިޔު.އެސް.ސީގެ 27 ވަނަ އަހަރީދުވަސް ފާހަގަކުރުމުގެގޮތުން ރޭ ކްރޮސްރޯޑްސް މޯލްޑިވްސް ގައި ޚާއްސަ ރަސްމިއްޔާތެއް ބާއްވައިފިއެވެ. މި ރަސްމިއްޔާތުގެ ޝަރަފުވެރި މެހެމާނެއްގެ ގޮތުން ބައިވެރިވެ ވަޑައިގެންނެވީ ދިވެހިރާއްޖޭގެ ޢިއްޒަތްތެރި ރައީސުލް ޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް އެވެ. މި ރަސްމިއްޔާތުގައި  ރައީސުލް ޖުމްހޫރިއްޔާގެ ނައިބް ފައިސަލް ނަސީމް އާއި، އެމް.ޑަބްލިޔު.އެސް.ސީ ގެ ޗެއާމަން އަލްފާޞިލް އަޙްމަދު މައުސޫމް އާއި، މެނޭޖިންގް ޑިރެކްޓަރ އަލްފާޟިލް ހަސަން ޝާހު އާއި، ދައުލަތުގެ ވަޒީރުންނާއި، އެސް.އޯ.އީ ތަކުގެ މެނޭޖިންގ ޑިރެކްޓަރުންގެ  އިތުރުން މިކުންފުނީގެ ބޯޑް މެމްބަރުންނާއި މެނޭޖްމެންޓްގެ އިސް ބޭފުޅުން ވަނީ ބައިވެރިވެވަޑައިގެންފައެވެ.

          އެމް.ޑަބްލިޔު.އެސް.ސީ ވުޖޫދަށް އައިސްފައިވަނީ  1995 ވަނަ އަހަރު މާލޭގެ އިތުރުވަމުން ދިޔަ އާބާދީއަށް ފެނާއި ނަރުދަމާގެ ޚިދުމަތް ދެމެހެއްޓެނިވި ގޮތެއްގައި ލިބޭނެ ފުރިހަމަ މަގެއް ތަނަވަސްކޮށް ދިނުމަށްޓަކައެވެ. ނަމަވެސް މިއަދު ކުންފުންޏަށް  27 އަހަރު  ފުރިގެން ދިޔައިރު އެމް.ޑަބްލިޔު.އެސް.ސީ އަކީ ފެނާއި ނަރުދަމާގެ އަސާސީ ޚިދުމަތް ފޯރުކޮށްދޭ ކުންފުޏެއްގެ އިތުރުން ރާއްޖޭގައި އެންމެ ފުޅާދާއިރާއެއްގައި އިންޖީނިއަރިންގ އަދި މެނުފެކްޗަރިންގ ގެ މަސައްކަތް ކުރަމުންދާ އެއް ކުންފުންޏެވެ. އެމް.ޑަބްލިޔު.އެސް.ސީ އިން ގްރޭޓަރ މާލޭ ރީޖަންގެ އިތުރުން ކ.މާފުށި، ހދ.ކުޅުދުއްފުށި އަދި ރ.ދުވާފަރުގައި  ފެނާއި ނަރުދަމާގެ ޙިދުމަތް ފޯރުކޮށްދެއްވަމުން އަންނައިރު ރ.ދުވާފަރުގައި މިކުންފުނިން އަންނަނީ ކަރަންޓާއި ކުނި މެނޭޖްކުރުމުގެ މަސައްކަތްވެސް ކުރަންމުންނެވެ.

މިރޭގެ ޚާއްސަ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އެމް.ޑަބްލިޔު.އެސް.ސީގެ މެނޭޖިން ޑިރެކްޓަރ ހަސަން ޝާހު ވިދާޅުވީ އެމް.ޑަބްލިޔު.އެސް.ސީގެ އެންމެ މުހިއްމު މަސައްކަތަކީ ފެނާއި ނަރުދަމާގެ ޙިދުމަތް ފޯރުކޮށްދިނުން ކަމުގައި ވީނަމަވެސް, އަޅުނޑުމެންނަކީ ވަރަށް ފަޙުރުވެރިކަމާއިއެކު ރާއްޖޭ ރަށްރަށުގައި ފެނާއި ނަރުދަމާގެ ޙިދުމަތް ޤާއިމްކޮށް، ފޯރުކޮށްދެމުންދާ ކުންފުންޏެކެވެ. މިގޮތުން، މިސަރުކާރުން ރާއްޖޭގެ ހުރިހާ ރަށެއްގައި ފެނާއި ނަރުދަމާ ނިޒާމް ޤާއިމްކުރުމުގެ މަސައްކަތުގެ ދަށުން، މިކުންފުންޏާއި ހަވާލުކޮށްގެން ކުރިޔަށް ގެންދާ 31 ރަށުގެ ތެރެއިން 4 ރަށެއްގެ މަސައްކަތް އެއްކޮށް ނިމިފައިވާއިރު، 2023 ވަނަ އަހަރު ތެރޭގައި ހުރިހާ ރަށެއްގެ މަސައްކަތް ނިންމައި ސަރުކާރާ ހަވާލުކުރެވޭނެކަން އެމް.ޑީ ޝާހުގެ ވާހަކަ ފުޅުގައި ފާހަގަ ކުރެއްވިއެވެ. އަދި މާލޭގެ ފެނުގެ ސެކިއުރިޓީ ހަރުދަނާ ކުރުމުގެ ގޮތުން މިކުންފުނީގެ ފެނުގެ ސްޓްރޯޖް އިތުރުކުރުމަށް ބޭނުންވާ 13 ހާސް ކިއުބިކް މީޓަރުގެ ބޮޑު 2 ތަނގީ ބެހެއްޓުމަށް ބިން ހަމަޖައްސަވައި ދެއްވާފައިވާތީ އެކަން ފާހަގަކޮށް ސަރުކާރަށް އެމްޑީ ޝާހު ވަރަށް ޙާއްސަ ޝުކުރެއް ދެންނެވިއެވެ.

އެމް.ޑަބްލިޔު.އެސް.ސީގެ މުއައްޒަފުންގެ ތެރެއިން ކޮންމެ އަހަރުކުވެސް، އެއަހަރެއްގެ އެންމެ ފާހަގަކޮށްލެވޭ މުވައްޒަފުންގެ މަސައްކަތުގެ އަގު ވަޒަންކުރުމުގެ ގޮތުން ޚާއްސަ އެވޯޑްތަކެއް ވަނީ މިރޭގެ ޙަފްލާގައި ދެވިފައެވެ.