Share this post
އެމް.ޑަބްލިޔު.އެސް.ސީއިން ހދ.ކުމުންދޫގެ ފެނާއި ނަރުދަމާ ނިޒާމް ޤާއިމްކުރުމުގެ މަސައްކަތް ނިންމާލައިފި

 އެމް.ޑަބްލިޔު.އެސް.ސީއިން ހދ.ކުމުންދޫގައި ކުރިއަށް ގެންދާ ފެނާއި ނަރުދަމާ ނިޒާމުގެ ޤާއިމްކުރުމުގެ މަސައްކަތްތައް ނިންމައި ކޮމިޝަން ކޮށްފިއެވެ. ހދ.ކުމުންދޫގެ ފެނާއި ނަރުދަމާ ނިޒާމް ކޮމިޝަންކުރުމުގެ މަސައްކަތް ކުރިޔަށް ގެންދިޔައީ މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗަރ، ފެނަކަ އަދި އެމް.ޑަބްލިޔު.އެސް.ސީގެ ބޭފުޅުން މިރަށަށް ވަޑައިގެންނެވެ.

މިމަޝްރޫޢުގެ ދަށުން، ކުމުންދޫގައި ފެން ޕްލާންޓް ބެހެއްޓުމަށް އިމާރާތްކުރާ ފެސިލިޓީ ބިލްޑިންގ ޤާއިމްކޮށް، ފެނާއި ނަރުދަމާ ހޮޅީގެ މައިނެޓްވޯރކް އަޅައި އަދި ގޭގެޔަށް ފެނާއި ނަރުދަމާ ކަނެކްޝަން ވަނީ ގުޅައިދީފައެވެ. މީގެ އިތުރުން، ފެންރައްކާކުރުމަށް ތާންގި ބަހައްޓައި، ބޯހޯލް ތޮރުފައި، ޕަންޕިންގ ސްޓޭޝަނާއި، ސީ އައުޓް ފޯލް އަދި ރިޖެކްޓް ލައިންވެސް ވަނީ އަޅާފައެވެ. މީގެ އިތުރުން މި މަޝްރޫޢުގެ ދަށުން ފެން ތަޙުލީލު ކުރުމަށް ބޭނުންވާ ސަމާނު ފޯރުކޮށްދެވިގެން ދާނެއެވެ.

ހދ.ކުމުންދޫގެ ފެނާއި ނަރުދަމާ މަޝްރޫޢަކީ މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗަރގެ ފަރާތުން އެމް.ޑަބްލިޔު.އެސް.ސީ އާއި  ހަވާލުކޮށްގެން ކުރިޔަށްގެންދާ މަޝްރޫޢުއެކެވެ. މިމަޝްރޫޢުގެ ޖުމްލަ އަގަކީ 102.17 މިލިއަން ދިވެހި ރުފިޔާއެވެ. މިމަޝްރޫޢުގެ ސަބަބުން ކުމުންދޫގެ ރައްޔިތުންނަށް ސާފު ބޯފެނާއި ރައްކާތެރި ނަރުދަމާ ނިޒާމެއް ލިބިގެންދާނެއެވެ.