Share this post
ހިޔާ މަޝްރޫއުގެ ދަށުން އެމް.ޑަބްލިޔު.އެސް.ސީ އިން ޤާއިމްކުރި 15 ބުރީގެ "މަލަސް ރެސިޑެންސް" އިފްތިތާހުކޮށްފި

ސަރުކާރު ކުންފުނިތައް ހިމެނޭގޮތަށް ހުޅުމާލެ ދެ ވަނަ ފިޔަވަހީގައި ކުރިޔަށް ގެންދިޔަ ހިޔާ މަޝްރޫއުގެ ދަށުން މާލެ ވޯޓާރ އެންޑް ސްވަރޭޖް ކަމްޕަނީ ޕްރައިވެޓް ލިމިޓެޑް (އެމް.ޑަބްލިޔު.އެސް.ސީ) އިން، ޤާއިމްކުރި 15 ބުރީގެ 'މަލަސް ރެސިޑެންސް' އިފްތިތާހުކޮށްފިއެވެ. މި ފުލެޓް އިފްތިތާހްކުރީ މިކަމަށްޓަކައި މިއަދު 'މަލަސް ރެސިޑެންސް' ގައި ބޭއްވި ޚާއްސަ ރަސްމިއްޔާތުގައި، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ މިނިސްޓަރ އޮނޮރަބަލް އަޙްމަދު ސަމީރު އެވެ. މިރަސްމިއްޔާތުގައި އެމް.ޑަބްލިޔު.އެސް.ސީގެ މެނޭޖިންގ ޑިރެކްޓަރ ޙަސަން ޝާޙް އާއި، އެމް.ޑަބްލިޔު.އެސް.ސީގެ މެނޭޖްމަންޓް ޓީމާއި އަދި މުވައްޒަފުންގެ އިތުރުން މަޝްރޫޢުގެ ކޮންޓްެރެކްޓަރގެ އޮފިސަލުންވެސް ވަނީ ބައިވެރިވެފައެވެ.

 

މިރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އެމް.ޑަބްލިޔު.އެސް.ސީގެ މެނޭޖިގ ޑިރެކްޓަރ ޙަސަން ޝާޙް ވިދާޅުވީ، އެމް.ޑަބްލިޔު.އެސް.ސީގެ މުވައްޒަފުންނަށް ޙާއްސަކޮށްގެން ޤާއިމްކުރި "މަލަސް ރެސިޑެންސް" ރަސްމީކޮށް މިއަދު ހުޅުވިގެން ދިޔުމަކީ، މިކުންފުނީގެ މުވައްޒަފުންނަށް ބޯހިޔާވެހިކަމުގެ ފުރުސަތު ފަހިވެ، ހެޔޮ އަގުގައި އަމިއްލަ ތަނެއް ލިބުމަށް މަގުފަހިވެގެންދިޔަ ކަމެއް ކަމުގައެވެ.  އަދި ސަރުކާރު ޙިއްސާވާ ކުންފުނި ތަކުގެ މުވައްޒަފުންނަށް ހައުސިން މަޝްރޫއެއް ކުރިއަށް ގެންދިއުމަށް މަގު ފަހިކޮށްދިނުމަކީ، މިކަމަށް އެދި އެދި ތިބި ފަރާތްތަކަށް ސަރުކާރުން ހުޅުވާލަދިން ރަނުގެ ފުރުސަތެއްކަމުގައިވެސް މެެނޭޖިގ ޑިރެކްޓަރ ޙަސަން ޝާޙް ފާހަގަކުރެއްވިއެވެ.  

އެމް.ޑަބްލިޔު.އެސް.ސީގެ 'މަލަސް ރެސިޑެންސް' ގައި ޖުމްލަ 192 އެޕާޓްމަންޓް ހިމެނެއެވެ. މީގެ ތެރޭގައި 3 ކޮޓަރީގެ 60 އެޕާޓްމަންޓާއި، 1+2 ކޮޓަރީގެ 40 އެޕާޓްމަންޓާއި އަދި 1 ކޮޓަރީގެ 92 އެޕާޓްމަންޓް ހިމެނެއެވެ. މީގެ އިތުރުން، މަލަސް ރެސިޑެންސްގައި ކުޑަކުދިންނަށް ޚާއްސަ ކުރެވިގެން ކުޅޭ އޭރިއާއަކާއި، ފިހާރައެއްގެ އިތުރުން، އެއްގަމުގައި ދުއްވާ އުޅަނދުފަހަރު ޕާރކް ކުރުމަށް އިމާރާތުގެ ދެފަރާތުން ޕާރކިންގ ޒޯނެއްވެސް ވަނީ ޤާއިމްކުރެވިފައެވެ. މި މަޝްރޫއު ކުރިޔަށް ގެންގޮސްފައި ވަނީ ޗައިނާގެ ކުންފުންޏެއް ކަމަށްވާ 'ދި 23rd  މެޓަލާނޖިކަލް ކޮންސްޓްރަކްޝަން ގުރޫޕް ކޯ ލ.ޓ.ޑ އޮފް މިނެމެޓަލްސް' އާއި ހަވާލުކޮށްގެންނެވެ.

 

'މަލަސް ރެސިޑެންސް' ގައި ހިމެނޭ އެޕާޓްމަންތަކުގެ ވެރިންނަށް ތަޅުދަނޑި ވަނީ މިހާރު ހަވާލުކުރެެވިފައެވެ. އަދި އެމް.ޑަބްލިޔު.އެސް.ސީ އިން އެޕާޓްމަންޓް ލިބިލެއްވި ފަރާތްތަކަށް މަހުން މަހަށް ދައްކަންޖެހޭ ފައިސާ ދެއްކުމުގައި ލުއި ގޮތްތަކެއް ހޯދައިދިނުމުގެ ގޮތުން، އިސްލާމިކް ބޭންކް މެދުވެރިކޮސް ފްލެޓަށް ފައިސާ ދެއްކޭނެ އިންތިޒާމުވެސް މިހާރު ވަނީ ހަމަޖެހިފައެވެ. އެމް.ޑަބްލިޔު.އެސް.ސީގެ ހިޔާ މަޝްރޫއުގެ ސަބަބުން މިކުންފުނީގެ ގިނަ މުވައްޒަފުނަށް ބޯހިޔާވަހިކަން ޔަގީންވެގެންދާނެއެވެ