Share this post
އެމް.ޑަބްލިޔު.އެސް.ސީއިން ރާއްޖޭގައި ކޮންޑުއިޓް ޕައިޕް އުފައްދާ ބާޒާރަށް ނެރެފި

މާލެ ވޯޓަރ އެންޑް ސްވަރޭޖް ކަމްޕެނީ (އެމް.ޑަބްލިޔު.އެސް.ސީ) އިން، ކަރަންޓް ވަޔަރ ކުރުމަށް ބޭނުންވާ ކޮންޑުއިޓް ޕައިޕް ރާއްޖޭގައި އަލަށް އުފައްދާ، ބާޒާރަށް ނެރެފިއެވެ. މިއަދު އެމް.ޑަބްލިޔު.އެސް.ސީގައި ބޭއްވި ރަސްމިއްޔާތެއްގައި ކޮންޑުއިޓް ޕައިޕް ބާޒާރަށް ނެރެދެއްވީ މިނިސްޓަރ އޮފް ސިޓީސް، ލޯކަލް ގަވަރންމަންޓް އެންޑް ޕަބްލިކް ވާރކްސް އާދަމް ޝަރީފް ޢުމަރު އާއި އެމް.ޑަބްލިޔު.އެސް.ސީގެ މެނޭޖިންގ ޑިރެކްޓަރ، ޢަބްދުލް މަތީން މުޙައްމަދުއެވެ. މި ރަސްމިއްޔާތުގައި މިނިސްޓްރީ އޮފް ސިޓީސް ލޯކަލް ގަވަރންމަންޓް އެންޑް ޕަބްލިކް ވާރކްސް، މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗަރ ގެ އިސްވެރިންނާއި  އަދި އެމް.ޑަބްލިޔު.އެސް.ސީގެ މެނޭޖްމަންޓް ޓީމުން ބައިވެރިވެ ވަޑައިގަތެވެ.

އެމް.ޑަބްލިޔު.އެސް.ސީ އިން ގުޅީފަޅުގައި 2015 ވަނަ އަހަރު ޤާއިމްކޮށްފައިވާ ހޮޅި އުފައްދާ ކާރުޚާނާއިން ހަތަރު ސައިޒެއްގެ، ފެންވަރު ރަނގަޅު، ކޮންޑުއިޓް ހޮޅި އުފައްދައި ބާޒާރަށް ވަނީ ނެރެފައެވެ. މިގޮތުން، ކަރަންޓް ވަޔަރިންގގެ އެކި މަސައްކަތްތަކުގެ ބޭނުމަށް އުފައްދާ ތަފާތު ހަތަރު ސައިޒުގެ ތެރޭގައި؛ 16 މިލިމީޓަރއާއި، 20 މިލިމީޓަރއާއި، 25 މިލިމީޓަރއާއި، 32 މިލިމީޓަރގެ އިތުރުން 40 މިލިމީޓަރގެ އެކި ކުލައިގެ ކޮންޑުއިޓް ހޮޅި ހިމެނެއެވެ. އެމްޑަބްލިޔުއެސްސީގެ ހޮޅި އުފައްދާ ކާރުޙާނާއަކީ އައި.އެސް އޯ 9001 އަށް ސެޓިފައި ކުރެވިފައިވާ ކާރުޙާނާއެކެވެ.

ރާއްޖޭގައި ކޮންޑުއިޓް ހޮޅި އުފައްދައި ބަޒާރަށް ނެރެ ވިއްކަން ފެށުމުން، ރާއްޖޭގެ ގެދޮރު ޢިމާރާތްކުރުމުގެ ދާއިރާގައި މަސައްކަތްކުރާ ކޮންސްޓްރަކްޝަން ކުންފުނިތަކާއި، ހާރޑްވެއަރ ފިހާރަތަކަށް އެކަމުގެ ސަބަބުން ފަސޭހަތަކެއް ލިބިގެން ދާނެއެވެ. މިގޮތުން، ރާއްޖެ އިން ބޭރުން ހޮޅި ގެނައުމުގައި ލަސްވާ ލަސްވުން ފަދަ ކަންކަމުން ދިމާވާ ދަތިތައް ކުޑަކުރުމަށް އެހީތެރިވެ، އަދި ރާއްޖޭގެ އިޤްތިޞާދަށް މިކަމުގެ ހެޔޮ އަސަރު ކުރުމަށް މަގު ފަހިވެގެންދާނެއެވެ.

އެމް.ޑަބްލިޔު.އެސް.ސީގެ އަމާޒަކީ ކުންފުންޏަށް ލިބިފައިވާ ތަޖުރިބާގެ އަލީގައި ކުންފުނީގެ އުފެއްދުންތެރިކަން އެއްދުވަހުން އަނެއްދުވަހަށް ތަރައްޤީކޮށް ކުރި އަރުވައި، އޭގެ މަންފާ އާއި ލާބަ ކުންފުންޏަށާއި ދިވެހި މުޖްތަމަޢު އަށް ފޯރުކޮށްދިނުމެވެ.