Share this post
އެމް.ޑަބްލިޔު.އެސް.ސީ ރޯދަ ސުފުރާ 1447

   މާލޭ ވޯޓަރ އެންޑް ސުވަރޭޖް ކޮމްޕެނީ (އެމް.ޑަބްލިޔު.އެސް.ސީ) އިން އިޖުތިމާޢީ ޒިންމާގެ ދަށުން ރަމަޟާން މަހަށް ޚާއްޞަކޮށްގެން ކުރިއަށްގެންދާ "އެމް.ޑަބްލިޔު.އެސް.ސީ ރޯދަ ސުފުރާ" މި އަހަރުވެސް ރަމަޟާން މަހުގެ އެއްވަނަ ދުވަހުން ފެށިގެން އަންނަނީ ކުރިއަށް ގެންދަމުންނެވެ. ނިމިދިޔަ ރަމަޟާން މަހު މި ޕްރޮގްރާމަށް އާންމުންގެ ފަރާތުން ލިބުނު ބޮޑު ތަރުޙީބާއި އެއްބާރުލުމާ ގުޅިގެން، މިއަހަރުގެ ރަމަޟާން މަހުވެސް މި މާތް މަޤްޞަދުގައި މި ޙަރަކާތް މުޅި މަސްދުވަހަށް ބަހާލައިގެން ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ.

"އެމް.ޑަބްލިޔު.އެސް.ސީ ރޯދަ ސުފުރާ 1447" ގެ ދަށުން ކޮންމެ ދުވަހަކުވެސް ރޯދަވީއްލުމަށް ބޭނުންވާ "އިފްތާރ މީލް ޕެކް" ބެހުމުގެ މަސައްކަތް ކުރިއަށްދާނެއެވެ. މިއީ ރަމަޟާން މަހުގެ މަތިވެރި ރޫޙާ އެއްގޮތަށް، އެކަކު އަނެކަކަށް އެހީތެރިވެ، އެކުވެރިކަމާއި އޯގާތެރިކަން އާލާކުރުމަށް ކުރިއަށްގެންދާ ޙަރަކާތެކެވެ. މީގެ އިތުރުން، މިއީ ޒަމާނުއްސުރެ ދިވެހިންގެ މެދުގައި އޮންނަ އެއްބައެއްވަންތަކާމާއި، ބަދަހި ގުޅުން ދެމެހެއްޓުމަށާއި، އިޖުތިމާޢީ ރޫޙު ވަރުގަދަކުރުމަށް މި ކުންފުނިން ކުރާ މުހިންމު މަސައްކަތެކެވެ.

 "އިފްތާރ މީލް ޕެކް" ބެހުމުގެ ޙަރަކާތް ކުރިއަށްދާނީ ފެން ބިލްޑިންގގެ މައި ދޮރުމަތީގައި މިކަމަށް ޚާއްޞަކޮށް ތައްޔާރުކޮށްފައިވާ ޓެންޓުގައެވެ. މި ޕްރޮގްރާމުގައި ބައިވެރިވެ، ރޯދަވީއްލުމަށް ބޭނުންވާ ތަކެތި ހަދިޔާކުރުމުގެ ފުރުޞަތު މި ކުންފުނީގެ މުވައްޒަފުންނަށާއި އާންމު ރައްޔިތުންނަށް ވަނީ ހުޅުވާލެވިފައެވެ. ގޭގައި ތައްޔާރުކުރާ ކާބޯތަކެތި ކޮންމެ ދުވަހަކު ހަވީރު 4:30 އިން 5:45 އާ ދެމެދު މި ޓެންޓަށް ގެންދެވޭނެއެވެ. ސިއްޙީ ރައްކާތެރިކަމަށް ބަލައި، ހަދިޔާކުރާ ތަކެތި ހުންނަންވާނީ ފޮއިލް ކޮންޓޭނަރުގައި ރަނގަޅަށް ބަންދުކޮށްފައެވެ.

 މި ޙަރަކާތަކީ ފެނާއި ނަރުދަމާގެ ޚިދުމަތް ފޯރުކޮށްދިނުމުގެ އިތުރުން، މުޖުތަމަޢަށް ފައިދާހުރި ކަންކަން ކުރުމުގައި އެމް.ޑަބްލިޔު.އެސް.ސީ އިން ދޭ ސަމާލުކަމާއި، އިޖުތިމާޢީ ކަންކަމުގައި މި ކުންފުނިން އަދާކުރާ މުހިންމު ދައުރު ރަމްޒުކޮށްދޭ ކަމެކެވެ.