އެމް.ޑަބްލިޔު.އެސް.ސީ އިން ނ.މާޅެންދޫގައި ކުރިއަށް ގެންދާ ފެނާއި ނަރުދަމާ ނިޒާމް ޤާއިމްކުރުމުގެ މުޅި މަޝްރޫޢުގެ %86 މަސައްކަތް ނިމިއްޖެއެވެ. މިގޮތުން، މި މަޝްރޫޢުގެ ފެނުގެ ނިޒާމްގައި ހިމެނޭ ފެން ޕްލާންޓް ބެހެއްޓުމަށް އިމާރާތްކުރާ ފެސިލިޓީ ބިލްޑިންގ އިމާރާތުގެ މަސައްކަތްތަކާއި، ބޯހޯލް ތޮރުފުމުގެ މަސައްކަތްތަކާއި އަދި ފެން ރައްކާކުރާ ތާނގީ ބެހެއްޓުމުގެ މަސައްކަތް ވަނީ ނިމިފައެވެ. މީގެ އިތުރުން، ފެނުގެ ނިޒާމް ޤާއިމް ކުރުމުގެ މަސައްކަތުގެ ދަށުން މާޅެންދޫގެ 8.72 ކިލޯމީޓަރުގެ ދިގު ފެން ހޮޅީގެ މައި ނެޓްވޯރކްގެ ހޮޅިވަޅުލުމާއި، ގޭގެއަށް ފެނުގެ ކަނެކްޝަން ގުޅައިދިނުމުގެ މަސައްކަތްތަކާއި އަދި ފެން އުފެއްދުމަށްޓަކައި ބަހައްޓާ 2 އާރު.އޯ ޕްލާންޓް ބެހެއްޓުމުގެ މަސައްކަތްތަކުގެ ބޮޑުބައެއް މިހާރު ވަނީ ނިމިފައެވެ.
މިމަޝްރޫޢުގެ ނަރުދަމާ ނިޒާމު ޤާއިމް ކުރުމުގެ މަސައްކަތުގެ ދަށުން 7.6 ކިލޯމީޓަރުގެ ދިގު ނަރުދަމާގެ މައި ނެޓްވޯރކްގެ ހޮޅިވަޅުލުމާއި, ސީ އައުޓްފޯލް ޤާއިމްކުރުމާއި، ޕަންޕިން ލައިން އެޅުމާއި އަދި ގޭގެއަށް ނަރުދަމާ ކަނެކްޝަން ގުޅައިދިނުމުގެ މަސައްކަތް ވަނީ ނިމިފައެވެ. މީގެ އިތުރުން ނަރުދަމާ ނިޒާމުގެ ޕަންޕިން ސްޓޭޝަންތަކުގެ މަސައްކަތްތަކުގެ ބޮޑުބައެއް މިހާރު ވަނީ ނިމިފައެވެ.
ފެނާއި ނަރުދަމާ ނިޒާމު ހިންގައި ބެލެހެއްޓުމަށް ބޭނުންވާ ޖަނެރޭޓަރު ސެޓާއި، ވެހިކަލް އަދި ފެން ތަޙްލީލު ކުރުމަށް ބޭނުންވާ ސާމާނު މިމަޝްރޫޢުގެ ދަށުން ފޯރުކޮށްދިނުމަށް ވަނީ ހަމަޖެހިފައެވެ. މާޅެންދޫގެ ފެނާއި ނަރުދަމާގެ މަޝްރޫޢުއަކީ މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ފަރާތުން މިކުންފުންޏާއި ހަވާލުކޮށްގެން ކުރިއަށް ގެންދާ މަޝްރޫއެކެވެ. މިމަޝްރޫޢުގެ އަގަކީ 42,975,350.00 މިލިއަން ދިވެހި ރުފިޔާ އެވެ. މިމަޝްރޫޢުގެ މަސައްކަތް ނިމުމުން މާޅެންދޫގެ ރައްޔިތުންނަށް ސާފު ބޯފެނާއި ރައްކާތެރި ނަރުދަމާގެ ނިޒާމެއް ލިބިގެންދާނެއެވެ.