Share this post
އެމް.ޑަބްލިޔު.އެސް.ސީ އިން ދުނިޔޭގެ ތިމާވެށީގެ ދުވަސް ފާހަގަ ކުރުމުވެ ގޮތުން "ނަލަ ވެށި" ކެމްޕޭންގެ ނަމުގައި ޚާއްސަ ހަރަކާތްތަކެއް ހިންގައިފި

އެމް.ޑަބްލިޔު.އެސް.ސީ އިން ދުނިޔޭގެ ތިމާވެށި ދުވަސް ފާހަގަ ކުރުމުގެ ގޮތުން "ނަލަ ވެށި" ކެމްޕޭންގެ ދަށުން މި ކުންފުނީގެ އޮޕަރޭޝާންތައް ހިނގަމުންދާ މާލެ، ހުޅުމާލޭ އަދި ކުޅުދުއްފުށީގައި ޚާއްސަ ހަރަކާތްތަކެއް ވަނީ ކުރިއަށް ގެންގޮސްފައެވެ. މިގޮތުން މާލެ އަދި ހުޅުމާލޭގައި މިކުންފުނިން ޤާއިމްކޮށްފައިވާ އޮފީސް އިމާރާތްތައް ފެހިކުރުމުގެ ޚާއްސާ ހަރަކާތްތަކެއް ވަނީ ކުރިއަށް ގެންގޮސްފައެވެ. މި ހަރަކާތް އިފްތިތާޙް ކޮށްދެއްވީ ހުޅުމާލޭގައި ހަވީރު ބޭއްވި ރަސްމިއްޔާތެއްގައި އެމް.ޑަބްލިޔު.އެސް.ސީގެ މެނޭޖިންގ ޑިރެކްޓަރ ހަސަން ޝާހް އަދި އާރބަންކޯގެ ޗީފް އޮޕަރޭޓީންގ އޮފިސަރ ޝާތިރް އަބްދުލް ރަހްމާން އެވެ. މިރަސްމިއްޔާތުގައި މިކުންފުނީގެ ސީނިއާ މެނޭޖުމަންޓް ޓީމާއި މުވައްޒަފުން ބައިވެރި ވިއެވެ.

      މީގެ އިތުރުން ހދ.ކުޅުދުއްފުށީގެ ރައްޔިތުންނަށް އަމާޒުކޮށްގެން "ނަލަ ކުޅުދުއްފުށި" ގެ ނަމުގައި އެމް.ޑަބްލިޔު.އެސް.ސީ 01 ޖޫން އިން 03 ޖޫން އަށް ތަފާތު ހަރަކާތްތަކެއްވެސް ވަނީ ކުރިއައް ގެންގޮސްފަައެވެ. މިގޮތުން، ކުޅުދުއްފުށި ސިޓީގެ އެކި ސަރަހައްދުތަކުގައި ރައްކާތެރި ގޮތުގައި ކުނި މެނޭޖް ކުރުމަށްޓަކައި ކުޅުދުއްފުށި ސިޓީ ކައުންސިލަށް ޑަސްބިން ވަނީ ހަވާލު ކުރެވިފައި. އަދި ކައުންސިލް އާއި ގުޅިގެން ކުޅުދުއްފުށީގެ ގޮނޑުދޮށާއި ކުނި ގިނަކަމަށް ފާހަގަ ކުރެވޭ ސަރަހައްދުތަކުގައި ރަށުތެރެ ސާފުކުރުމުގެ ހަރަކާތެއްވެސް ވަނީ ކުރިއަށް ގެންގޮސްފައި. މި ހަރަކާތުގައި ކުޅުދުއްފުށީގެ 20 އަށްވުރެ ގިނަ އިދާރާ އަދި ޖަމިއްޔާތަކުން ބައިވެރިވެ އަދި އާންމުގެ ބޮޑު ތަރުހީބެއްވެސް ވަނީ ލިބިފައެވެ. ހަމަ މިއާއިއެކު ކުޅުދުއްފުށީގެ ސުކޫލްތަކުގައި ކިޔަވަމުންދާ ތުއްތު ކުދިންނަށް އަމާޒުކޮށްގެން ފެނަށް ރައްކާތެރި ވުމަށާއި އަދި ސާފު ބޯފެނާއި ބެހޭގޮތުން މައުލޫމާތު ދިނުމުށް ޚާއްސަ ސެޝަންތަކެއް ހިންގާ، އަދި "ފެން ފިޔެސްޓާރ" ގެ ނަމުގައި ކުޑަކުދިންނާއި ގުޅޭ ތަފާތު ހަރަކާތްތަކަކާއި އެކު ކުޑަކުދިންގެ ހަވީރެއް ވެސް ވަނީ ބާއްވާފައެވެ.

       "ނަލަ ވެށި" ކެމްޕޭންގެ މަގްސަދަކީ ރައްކާތެރި ކަމާއި އަދި ދެމެހެއްޓެނެނެވި ގޮތެއްގައި ކުނި އުކާލުމަށް ހިއްވަރުދީ ރައްޔިތުން އެކަމަށް ހޭލުންތެރި ކުރުމެވެ. އެމް.ޑަބްލިޔު.އެސް.ސީ އިން އަބަދުވެސް މަސައްކަތް ކުރަމުން ދަނީ މިކުންފުނީގެ އޮޕަރޭޝަން ތަކުގައި ތިމާވެއްޓާއި ވީހާވެސް ރައްޓެހި ގޮތްތައް ހިޔާރުކޮށް އީޖާދީ ކުންފުންޏަކަށް ވުމެވެ.