މާލޭ ސަރަހައްދުގައި ފޯރުކޮށްދެވޭ ފެނުގެ ޚިދުމަތުގެ ކަށަވަރުކަން އިތުރުކުރުމަށް މާލޭ ވޯޓަރ އެންޑް ސްވަރޭޖް ކޮމްޕެނީ (އެމް.ޑަބްލިޔު.އެސް.ސީ) އިން ކުރިއަށް ގެންދާ، މާލެ އާއި ހުޅުމާލޭގެ ފެނުގެ ވިޔުގަ ގުޅާލުމުގެ މަޝްރޫޢުގެ 65 އިންސައްތަ މަސައްކަތް މިހާރުވަނީ ނިމިފައެވެ. 2016 ވަނަ އަހަރު ފެށިފައިވާ، މި މަޝްރޫޢުގެ ބައެއް މުހިންމު މަސައްކަތްތައް، ތަފާތު އެކި އެކި ސަބަބުތަކާއި ހުރެ ގިނަދުވަސްތަކެއްވަންދެން ހުއްޓިފައި އޮތުމަށްފަހު، 2024 ވަނަ އަހަރު މިމަސައްކަތްތައް ވަނީ އަލުން ފަށައިގަނެވިފައެވެ.
މިގޮތުން، މާލެއާއި ހުޅުމާލެއާއި ދެމެދު އަޅާފައިވާ، 20 އިންޗި ޑައިމީޓަރ، 5 ކިލޯމީޓަރ ދިގު މައި ހޮޅި ސާފުކޮށް ޑިސްއިންފެކްޓް ކުރުމާއި، ޕްރެޝަރ ޓެސްޓް ކުރުމުގެ މަސައްކަތް ކުރިއަށް ގެންދަންވަނީ ފެށިފައެވެ. އަދި މާލެއާއި ހުޅުމާލޭގައި ޤާއިމްކުރެވޭ ޓްރާންސްފަރ ޕަމްޕް ސްޓޭޝަންތަކުގެ ފައުންޑޭޝަން މަސައްކަތްތައް ނިންމާ އިމާރާތުގެ އޮނިގަނޑުގެ މަސައްކަތްތައްވަނީ ފެށިފައެވެ. މިގޮތުން، މާލޭގެ ޕަމްޕް ސްޓޭޝަންގެ މުޅި މަސައްކަތުގެ %25 އިންސައްތަ މަސައްކަތް ނިމިފައިވާއިރު ހުޅުމާލޭގެ ޕަމްޕް ސްޓޭޝަންގެ %60 އިންސައްތަ މަސައްކަތް މިހާރު ވަނީ ނިމިފައެވެ.
ޕަމްޕްސްޓޭޝަންތަކުގެ ޢިމާރާތްތަކުގެ މަސައްކަތް ނިންމުމަށް އަމާޒުކުރެވިފައިވަނީ މާރޗް މަހުގެ ނިޔަލަށެވެ. ޢިމާރާތްތަކުގެ މަސައްކަތްތައް ނިމުމުން ޕަމްޕްތައް ބަހައްޓާ ނިމުމަށްފަހު 2025 ވަނައަހަރުގެ ދެވަނަ ކުއާޓަރ ގައި މި ނިޒާމްގެ ބޭނުންކުރަން ފެށުމަށްވަނީ އަމާޒު ކުރެވިފައެވެ. ހުޅުމާލެ އާއި މާލޭގެ ފެނުގެ ވިޔުގަ ގުޅާލުމުގެ މަޝްރޫޢު ނިމުމުން،މާލެއިން ހުޅުމާލެއަށް ނުވަތަ ހުޅުމާލެއިން މާލެއަށް، ގަޑިއަކު 800 ޓަނުގެ ފެން ޕަންޕުކުރުމުގެ ގާބިލްކަން ލިބިގެންދާނެއެވެ. މީގެ ސަބަބުން، މާލެ ސަރަހައްދުގެ ފެނުގެ ޚިދުމަތުގެ ކަށަވަރުކަން އިތުރުވެގެން ދާނެއެވެ.
އެމް.ޑަބްލިޔު.އެސް.ސީ ގެ އަމާޒަކީ މެދުކެނޑުމެއްނެތި، ދެމެހެއްޓެނެވި ގޮތެއްގައި ސާފު ބޯފެނާއި ރައްކާތެރި ނަރުދަމާގެ ޚިދުމަތް ފޯރުކޮށްދިނުމާއެކު ޚިދުމަތުގެ ފެންވަރާއި ކަށަވަރުކަން އިތުރުކުރުމަށް މެދުކެނޑުމެއްނެތި މަސައްކަތް ކުރުމެވެ.