އެމް.ޑަބްލިޔު.އެސް.ސީއިން ދެމުން ގެންދާ ޚިދުމަތްތައް އިތުރަށް ހަރުދަނާކޮށް، ތިމާވެއްޓާއި ރައްޓެހި ގޮތެއްގައި ފޯރުކޮށްދިނުމަށްޓަކައި، އިޔާދަ ކުރަނިވި ހަކަތަ ބޭނުން ކޮށްގެން ކަރަންޓް އުފައްދާ މިންވަރު އިތުރުކުރުމަށް، ރ. ދުވާފަރުގައި 35kWp ގެ ސޯލާ ޕަވަރ ސިސްޓަމެއް ހަރުކޮށްފިއެވެ. މީގެ ކުރިން ދުވާފަރު އޮޕަރޭޝަން ސެންޓަރުގައި 48kWp ގެ ސޯލާ ޕަވާރ ސިސްޓަމެއް ޤާއިމްކޮށް އޮޕަރޭޝަންގެ ބޭނުންތަކަށް އިޔާދަ ކުރަނިވި ހަކަތައިން ދަނީ ކަރަންޓް އުފައްދަމުންނެވެ. އަލަށް ހަރުކުރެވުނު މި ސޯލަރ ޕަވާރ ސިސްޓަމާއެކު، ރ.ދުވާފަރުގައި އިޔާދަ ކުރަނިވި ހަކަތައިން ކަރަންޓް އުފައްދާ މިންވަރު ޖުމްލަ 83kWp ގެ ސޯލާ ޕަވަރ އަށް ވަނީ އިތުރުވެފައެވެ.
2012 ވަނަ އަހަރުން ފެށިގެން ކުންފުނީގެ އޮޕަރޭޝަންތަކުގައި ހަކަތަ ބޭނުން ކުރުމުގައި ތިމާވެއްޓާއި ރައްޓެހި ގޮތްތައް ހޯދައި، ތެލަށް ބަރޯސާވާ މިންވަރު ދަށްކުރުމަށް ކުރާ މަސައްކަތުގެ ދަށުން މާލެ، ހުޅުމާލެ، މާފުށި، ކުޅުދުއްފުށި އަދި ރ. ދުވާފަރު ހިމެނޭނެހެން މިކުންފުނީގެ އެކިއެކި އޮޕަރޭޝަން ސެންޓަރ ތަކުގައި ދަނީ އިޔާދަކުރަނިވި ހަކަތައިން ކަރަންޓް އުފައްދަމުންނެވެ. މިގޮތުން، ޖުމްލަ 578kWp ގެ އިޔާދަ ކުރަނިވި ހަކަތަ އުފެއްދުމުގެ ޤާބިލްކަން މިއަދު މިކުންފުނިން ވަނީ ހޯދާފައެވެ. މި މަސައްކަތާއެކު، ރާއްޖޭގައި އިޔާދަ ކުރަނިވި ހަކަތައިން ކަރަންޓް އުފައްދާ މިންވަރު އިތުރުކުރުމަށް ސަރުކާރުން ކަނޑައަޅާފައިވާ ސިޔާސަތު ހާސިލްކުރުމަށް މަގުފަހި ވެގެންދާނެއެވެ.
އެމް.ޑަބްލިޔު.އެސް.ސީއިން އަބަދުވެސް މަސައްކަތް ކުރަމުންދަނީ މިކުންފުނީގެ އޮޕަރޭޝަން ތަކުގައި އިޔާދަކުރަނިވި ހަކަތަ ބޭނުން ކުރެވޭ މިންވަރު އިތުރުކޮށް، ކުންފުނިން ދެމުން ގެންދާ ޚިދުމަތްތައް ތިމާވެއްޓާއި ރައްޓެހި އަދި ދެމެހެއްޓެނެވި ގޮތެއްގައި ފޯރުކޮށްދެމުން ގެންދިޔުމަށެވެ. އެމް.ޑަބްލިޔު.އެސް.ސީ އަންނަނީ ފެނާއި ނަރުދަމާގެ ޚިދުމަތުގެ އިތުރުން ކުނި މެނޭޖްކުރުމާއި، ކަރަންޓް، އަދި މަސްވެރިންނަށް ބޭނުންވާ އައިސްގެ ޚިދުމަތްވެސް ރ.ދުވާފަރުގައި ފޯރުކޮށްދެމުންނެވެ.