Share this post
ރ.އިންނަމާދޫގެ ފެނުގެ ނިޒާމް ކޮމިޝަން ކުރުމުގެ މަސައްކަތް ނިމިއްޖެ

  އެމް.ޑަބްލިޔު.އެސް.ސީއިން ރ.އިންނަމާދޫގައި ކުރިއަށް ގެންދާ ފެނުގެ ނިޒާމުގެ ކޮމިޝަން ކުރުމުގެ މަސައްކަތް ނިމިއްޖެއެވެ. މިރަށުގެ ފެނުގެ ނިޒާމް ކޮމިޝަންކުރުމުގެ މަސައްކަތް ކުރިޔަށް ގެންދަނީ މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ، ފެނަކަ އަދި އެމް.ޑަބްލިޔު.އެސް.ސީގެ ބޭފުޅުން މިރަށަށް ވަޑައިގެންނެވެ. މީގެ އިތުރުން، މިރަށުގެ ފެނުގެ ނިޒާމް ހިންގާ ބެލެހެއްޓުމަށް ބޭނުންވާ އޮޕަރޭޓަރސް ޓްރެނިންގ ޕްރޮގުރާމްވެސް ވަނީ ހިންގާ ނިމިފައެވެ.

ރ.އިންނަމާދޫ ފެނުގެ ނިޒާމުގެ މަސައްކަތަކީ 50,771,305.43 މިލިއަން ދިވެހި ރުފިޔާއަށް މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރއިން އެމްޑަބްލިއުއެސްސީއާއި ހަވާލުކޮށްގެން ކުރިޔަށް ގެންދެވުނު މަސައްކަތެކެވެ.

މިމަޝްރޫޢުގެ ދަށުން ރ.އިންނަމާދޫގައި 8.33 ކިލޯމީޓަރުގެ ފެނުގެ މައި ނެޓްވޯކް އާއި ގޭގެއަށް ފެނުގެ ކަނެކްޝަން ގުޅައިދިނުމާއި ފެން އުފެއްދުމަށްޓަކައި 2 އާރު.އޯ ޕްލާންޓް އާއި ފެން ޕްލާންޓް ބެހެއްޓުމަށް އިމާރާތްކުރާ ފެސިލިޓީ ބިލްޑިންގ ވަނީ ޤާއިމްކޮށްފައެވެ.

މީގެ އިތުރުން އިންނަމާދޫގެ ފެނުގެ ނިޒާމު ހިންގާ ބެލެހެއްޓުމަށް ބޭނުންވާ ޖަނެރޭޓަރު ސެޓާއި ވެހިކަލް އަދި ފެން ތަޙްލީލު ކުރުމަށް ބޭނުންވާ ސާމާނު މިމަޝްރޫޢުގެ ދަށުން ވަނީ ފޯރުކޮށްދީފައެވެ. މިމަޝްރޫޢު ނިމުމުން އިންނަމާދޫގެ  ރައްޔިތުންނަށް ސާފު ބޯފެނުގެ ނިޒާމެއް ލިބިގެންދާނެއެވެ.