އާބާދީގެ ކުޑަބޮޑު މިނަށް ބެލުމެއް ނެތި، ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހައި ރަށަކަށް ފެނާއި ނަރުދަމާގެ އަސާސީ ޚިދުމަތް ފޯރުކޮށްދިނުމަކީ މިއަދުގެ ސަރުކާރުގެ ވަޢުދުތަކުގެ ތެރޭގައި ހިމެނޭ އެންމެ މުހިންމު އެއް ވަޢުދެވެ. މި ވައުދު ފުއްދުމުގައި އެމް.ޑަބްލިއު.އެސް.ސީ އިން އަންނަނީ މުހިންމު ދައުރެއް އަދާކުރަމުންނެވެ. މި ގޮތުން ފެނާއި ނަރުދަމާގެ 31 މަޝްރޫއެއް ސަރުކާރުންވަނީ އެމް.ޑަބްލިއު.އެސް.ސީ އާއި ހަވާލު ކޮށްފައެވެ. މި ހުރިހައި މަޝްރޫއު ތަކެއްގެ އަމަލީ މަސައްކަތް ފެށި މިހާރު ދަނީ ކުރެވެމުންނެވެ. މި މަޝްރޫއުތަކުގެ ޖުމްލަ އަގު 1.76 ބިލިއަން ރުފިޔާ އަށް އަރައެވެ. މީގެ ތެރޭގައި ށ.ފީވަކުގެ ފެނުގެ ނިޒާމާއި ށ.ގޮއިދޫގެ ފެނާއި ނަރުދަމާ ނިޒާމް ޤާއިމްކުރުމުގެ މަޝްރޫއުވެސް ހިމެނެއެވެ. މި ދެރަށުގެ ފެެނާއި ނަރުދަމާ ނިޒާމް ޤާއިމްކުރުމުގެ އަމަލީ މަސައްކަތްތައްވެސް ފަށައި އެމް.ޑަބްލިއު.އެސް.ސީ އިން އަންނަނީ ކުރަމުންނެވެ.
ށ.ފީވަކުގެ ފެނުގެ ނިޒާމް ޤާއިމްކުރުމުގެ މަޝްރޫއުގެ 19 އިންސައްތަ މަސައްކަތް މިހާރުވަނީ ނިމިފައެވެ. މިގޮތުން ފެން ޕްލާންޓް ބެހެއްޓުމަށް އިމާރާތްކުރާ ފެސިލިޓީ ބިލްޑިންގ އިމާރާތުގެ މަސައްކަތްތަކާއި 9.18 ކިލޯ މީޓަރގެ ދިގު ފެން ހޮޅީގެ މައި ނެޓްވޯރކް ޤާއިމްކުރުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ. މި މަޝްރޫޢުގެ ދަށުން ފެން އުފެއްދުމަށްޓަކައި 2 އާރ.އޯ ޕްލާންޓް ބެހެއްޓުމާއި، ފެން ރައްކާކުރުމަށްޓަކައި 3 ތާންގީ ބެހެއްޓުން ހިމެނެއެވެ. މީގެ އިތުރުން، ގޭގޭގައި ފެންމީޓަރ ބަހައްޓައި، ފެނުގެ ކަނެކްޝަން ގުޅައިދީ، މި ގެތަކަށް ރައްކާތެރި ބޯފެން ފޯރުކޮށްދެވިގެންދާނެއެވެ.
ށ.ގޮއިދޫގެ ފެނާއި ނަރުދަމާ ނިޒާމް ޤާއިމްކުރުމުގެ މަޝްރޫއުގެ 17 އިންސައްތަ މަސައްކަތް މިހާރުވަނީ ނިމިފައެވެ. މިގޮތުން، ފެން ޕްލާންޓް ބެހެއްޓުމަށް އިމާރާތްކުރާ ފެސިލިޓީ ބިލްޑިންގ އިމާރާތުގެ މަސައްކަތްތަކާއި، ފެނާއި ނަރުދަމާގެ މައި ނެޓްވޯކް ޤާއިމްކުރުމުގެ މަސައްކަތްތަކާއި ފެން ތާންގީތަކުގެ ފައުންޑޭޝަން އެޅުމުގެމަސައްކަތް ދަނީ ކުރަމުންނެވެ. މި މަޝްރޫޢުގެ ދަށުން ފެން އުފެއްދުމަށްޓަކައި 2 އާރ.އޯ ޕްލާންޓް ބެހެއްޓުމާއި، ފެން ރައްކާކުރުމަށްޓަކައި 3 ތާންގީ ބެހެއްޓުމާއި، ނަރުދަމާ ނިޒާމުގެ 4 ޕަންޕިންގ ސްޓޭޝަނާއި އަދި 1 ސީ އައުޓް ފޯލް ޤާއިމްކުރުން ހިމެނެއެވެ. މީގެ އިތުރުން ގޭގޭގައި ފެންމީޓަރާއި ނަރުދަމާގެ ޖަންކްޝަން ބަހައްޓައި، ފެނާއި ނަރުދަމާ ކަނެކްޝަން ގުޅައިދީ މި ގެތަކަށް ރައްކާތެރި ބޯފެނާއި ނަރުދަމާގެ ޚިދުމަތް ފޯރުކޮށްދެވިގެންދާނެއެވެ. މި މަޝްރޫޢުގެ ދަށުން ފެނާއި ނަރުދަމާ ނިޒާމް ހިންގާ ބެލެހެއްޓުމަށް ބޭނުންވާ ޖަނެރޭޓަރ ސެޓާއި ވެހިކަލް އަދި ފެން ތަޙުލީލު ކުރުމަށް ބޭނުންވާ ސާމާނު ފޯރުކޮށްދިނުމަށް ވަނީ ހަމަޖެހިފައެވެ.
މި ދެމަޝްރޫޢުގެ އަގަކީ ޖުމްލަ 135.65 މިލިއަން ދިވެހި ރުފިޔާއެވެ. މި މަޝްރޫޢުތަކުގެ މަސައްކަތް ނިމުމުން ށ.ގޮއިދޫ އަދި ފީވަކުގެ ރައްޔިތުންނަށް ސާފު ބޯފެނާއި ރައްކާތެރި ނަރުދަމާގެ ނިޒާމެއް ލިބިގެންދާނެއެވެ. އަދި ހަމައެހެންމެ، މި ދެ މަޝްރޫޢުގެ ތެރެއިން މި ދެރަށުގައި ޖުމުލަ 15 ވަޒީފާއެއް އުފެދި މި ދެރަށުގެ ރައްޔިތުންނަށް ވަނީ މި ވަޒީފާތައް އަދާކުރުމުގެ ފުރުސަތު ލިބިފައެވެ.
މި ދެމަޝްރޫޢުގެ އިތުރުން ވޭތުވެދިޔަ އަހަރުތަކުގައިވެސް މިކުންފުނިން ވަނީ ށ.އަތޮޅަށް އައިސްފައިވާ ތަރައްޤީގައި މުހިންމު ދައުރެއް އަދާކޮށްފައެވެ. އެގޮތުން ވޭތުވެދިޔަ އަހަރުތަކުގައި ށ.ކަނޑިތީމުގެ ފެނުގެ ނިޒާމާއި ށ.މިލަންދޫގެ ފެނާއި ނަރުދަމާ ނިޒާމު އެމް.ޑަބްލިޔު.އެސް.ސީ އިން ވަނީ ޤާއިމުކޮށްފައެވެ. އެމް.ޑަބްލިޔު.އެސް.ސީ އަކީ ފެނާއިނަރުދަމާގެމަސައްކަތްކުރުމަށްމިވަގުތުރާއްޖޭގައިއޮތްއެންމެޤާބިލްއެއްކުންފުންޏެެވެ. އެގޮތުން މިހާރުވެސް ރާއްޖޭގެ އެކިކަންކޮޅުތުގައި ފެނާއި ނަރުދަމާ ނިޒާމް ޤާޢިމްކުރުމުގެ މަޝްރޫއުތައް މެދުކެނޑުމެއް ނެތި އެމް.ޑަބްލިޔު.އެސް.ސީ އިން އަންނަނީ ކުރަމުންނެވެ.