Share this post
އެމް.ޑަބްލިޔު.އެސް.ސީ އިން "އެމް.ވީ ރަން " ސްޕޮންސަރ ކުރުމަށް ޓީ.އެފް.ޖީއާއި އެކު އެއްބަސްވުމެއްގައި ސޮއިކޮށްފި.

މާލޭ ވޯޓަރ އެންޑް ސްވަރޭޖް ކަމްޕަނީ ޕްރައިވެޓް ލިމިޓެޑް (އެމް.ޑަބްލިޔު.އެސް.ސީ) އިން އެމްވީ ރަން ސްޕޮންސަރ ކުރުމަށް ޓޯޓަލް ފިޓްނެސް ގްރޫޕް (ޓީ.އެފް.ޖީ) އާއި އެކު 2 އަހަރު ދުވަހުގެ އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ. މި އެއްބަސްވުމުގައި އެމް.ޑަބްލިޔު.އެސް.ސީގެ ފަރާތުން ސޮއި ކުރެއްވީ، މިކުންފުނީގެ މެނޭޖިން ޑިރެކްޓަރު ހަސަން ޝާހު އަދި ޓީ.އެފް.ޖީ ގެ ފަރާތުން ޗީފް އެގްޒެކެޓިވް އޮފިސަރ ހުސެން ޒިނާން އެވެ. މިރަސްމިއްޔާތުގައި ޓީ.އެފް.ޖީގެ މެނޭޖްމަންޓް ޓީމާއި އެތުލީޓުންގެ އިތުރުން އެމް.ޑަބްލިޔު.އެސް.ސީ ގެ މެނޭޖްމަންޓް ޓީމާއި އަދި މުވައްޒަފުން ވަނީ ބައިވެރިވެފައެވެ.

 

  އަމް.ޑަބްލިޔު.އެސް.ސީ އިން މި ރަން ސްޕޮންސާރ ކުރުމުގެ މައިގަނޑު މަގްޞަދަކީ، ދިވެހިންގެ ނަފްސާނީ އަދި ޖިސްމާނީ ދުޅަހެޔޮކަން ކުރިއެރުވުމަށް މަގުފަހިކޮށްދީ ކަސްރަތު ކުރުމަށް ހިތްވަރުދިނުމެވެ. މިއެއްބަސްވުމުގެ ދަށުން، މިރަންގެ ބްރޭންޑިންގ އެމް.ޑަބްލިޔު.އެސް.ސީ އިން އަލަށް ތަޢާރަފް ކުރި އާރޯ ޕްރިމިއަމް ފެނާއި ގުޅުވައި، "އާރޯ އެމްވީ ރަން" ގެ ނަމުގައި ޓައިޓެލް ސްޕޮންސަރޝިޕް ވަނީ ދެއްވާފައެވެ. އަދި މިއާއިއެކު، ޓީ.އެފް.ޖީގެ ފަރާތުން އިންތިޒާމްކުރާ ބޮޑު 5 ރަން އާއި "ދަ މޯލްޑިވްސް ލޯންގް ރަން" ގެ ކޯ-ސޮޕޮންސްރ އެމް.ޑަބްލިޔު.އެސް.ސީ ގެ ފަރާތުން ވަނީ ނަގާފައެވެ.

 

ޓީ.އެފް.ޖީ ގެ ފަރާތުން، 2022 ވަނަ އަހަރުން ފެށިގެން އަހަރަކު އެއްފަހަރު، އެކި އުމުރުފުރާތަކަށް ހުޅުވާލައިގެން ބާއްވާ، "އެމް.ވީ ރަން" އަކީ ރާއްޖޭގައި އެންމެ ފުޅާ ދާއިރާއެއްގައި ކުރިޔަށް ގެންދެވޭ ދުވުމުގެ ހަރަކާތެއެވެ. މިއަހަރު "އާރޯ އެމް.ވީ ރަން" ބޭއްވުމަށް ހަމަޖެހިފައި ވަނީ، 2 ޖޫން  ވާ ހުކުރު ދުވަހުގެ ހެނދުނު 7:00 އިން ފެށިގެން، ހުޅުމާލެގައެވެ.

 

ޖުމްލަ 5 ކިލޯ މީޓަރަށް ދުވަން ކަންޑައަޅާފައިވާ މިރަންގައި، ބައިވެރިވާ ދުވުންތެރިންގެ ތެރެއިން ފައިސާގެ ގިނަ އިނާމްތަކެއް ޓީ.އެފް.ޖީ ގެ ފަރާތުން ދިނުމަށް ވަނީ ނިންމާފައެވެ. މިގޮތުން، 1 ވަނަ ހާސިލްކުރާ ކޮންމެ ބައިވެރިއަކަށް 7،500 ރުފިޔާ، 2 ވަނަ ހާސިލްކުރާ ކޮންމެ ބައިވެރިއަކަށް 4،500 ރުފިޔާ އަދި 3 ވަނަ ހާސިލްކުރާ ކޮންމެ ބައިވެރިއަކަށް 2،500 ރުފިޔާ ދިނުމަށް ވަނީ ހަމަޖެހިފައެވެ. މީގެ އިތުރުން 50 މިނެޓް ތެރޭގައި ދުވެ ނިންމާ ފަރާތްތަކުގެ ތެރެއިން ގުރުއަތުލައިގެން ހޮވޭ ނަސީބުވެރިންނަށް ފައިސާ އާއި އަދި އެހެނިހެން އިނާމުތަކެއްވެސް ދިނުމަށް ވަނީ ހަމަޖެހިފައެވެ.

 

      މިރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އެމް.ޑަބްލިޔު.އެސް.ސީގެ މެނޭޖިން ޑިރެކްޓަރު ހަސަން ޝާހު ވިދާޅުވީ "ރާއްޖޭގެ އެންމެ ބޮޑު އެއް ޔޫޓިލިޓީ ޚިދުމަތް ފޯރުކޮށްދޭ ކުންފުންޏެއްގެ ހައިސިއްޔަތުން، ކުޅިވަރުގެ އެކި ހަރަކާތްތަކަށް ތަފާތު ގޮތްގޮތުން އެހީތެރިކަން ފޯރުކޮށްދީ، މިފަދަ ބޮޑު ހަރަކާތެއްގައި ބައިވެރިވުމަކީ އެމް.ޑަބްލިޔު.އެސް.ށް ލިބޭ ވަރަށް ބޮޑު ފަޙްރަކާއި އުފަލެއްކަމަށެވެ."

"އާރޯ" ފެނަކީ  ދިވެހި ރާއްޖޭގައި އެންމެ ފުރަތަމަ ޕްރިމިޔަމް ކޮލިޓީގައި ބިއްލޫރި ފުޅީގައި ބަންދު ކުރެވުނު ފެނެވެ. ރާއްޖޭގެ ގުދުރަތީ ރީތިކަން ސިފަވާގޮތަށް ދިވެހި ފަންނުވެރިންގެ ކުރެހުންތައް ހިމަނައިގެން ފަރުމާކޮށްފައިވާ "އާރޯ" ބްރޭންޑް އެމް.ޑަބްލިޔު.އެސް.ސީ އިން ތަޢާރަފް ކުރީ 2022 ނޮވެންބަރުގައެވެ. އެމް.ޑަބްލިޔު.އެސް.ސީގެ އަބަދުވެސް މަސައްކަތް ކުރަމުން އަންނަނީ މުޖްތަމަޢުގެ ކުރިއެރުމާއި، ލާބައާއި އަދި މަންފާއަށް އެހީތެރިކަން ފޯރުކޮށްދިނުމެވެ.