Share this post
އެމް.ޑަބްލިޔު.އެސް.ސީއިން ހުޅުމާލޭގައި 3000 ޓަނުގެ ފެން އުފެއްދޭ އިތުރު އާރް.އޯ ޕްލާންޓެއް ބެހެއްޓުމުގެ މަސައްކަތް ނިންމައި، ފެން އުފެއްދުމުގެ މަސައްކަތް ފަށައިފި.

  އެމް.ޑަބްލިޔު.އެސް.ސީގެ ވޯޓަރ ސެކިއުރިޓީ ޕްލޭންގެ ދަށުން މާލޭ ސަރަޙައްދުގެ ރައްޔިތުންނަށް، ފޯރުކޮށްދެމުންދާ ފެނުގެ ޚިދުމަތް އިތުރަށް ހަރުދަނާކޮށް، މެދުކެނޑުމެއްނެތި، ދެމެހެއްޓެނިވި ގޮތުގައި ފޯރުކޮށްދިނުމަށްޓަކައި  ކުންފުނިން ކުރަމުންގެންދާ މަސައްކަތްތަކުގެ ތެރެއިން، ހުޅުމާލެ އޮޕަރޭޝަން ސެންޓަރުގައި އިތުރު އާރް.އޯ ޕްލާންޓެއް ބެހެއްޓުމުގެ މަސައްކަތް ނިންމައި، ފެން އުފެއްދުމުގެ މަސައްކަތް ފަށައިފިއެވެ. މި ޕްލާންޓުން ފެން އުފެއްދުމުގެ މަސައްކަތް ރަސްމީކޮށް ފައްޓަވައި ދެއްވީ މިއަދު އެމް.ޑަބްލިޔު.އެސް.ސީގެ ހުޅުމާލޭގެ އޮޕަރޭޝަން ސެންޓަރުގައި ބޭއްވި ރަސްމިއްޔާތެއްގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްފާޟިލް ފައިޞަލް ނަސީމް އެވެ. މިރަސްމިއްޔާތުގައި މިކުންފުނީގެ މެނޭޖިން ޑިރެކްޓަރު ޙަސަން ޝާހު އާއި ސީނިޔާ މެނޭޖްމަންޓް ޓިމް އަދި މިކުންފުނީގެ ހީވާގި މުވައްޒަފުން ބައިވެރިވިއެވެ.

 

މާލޭ ސަރަޙައްދުގެ ވޯޓަރ ސެކިއުރިޓީ ޕްލޭންގެ ދަށުން، ހުޅުމާލޭގައި ބެހެއްޓި އާރް.އޯ ޕްލާންޓުން ދުވާލަކު 3,000 ޓަނުގެ ފެން އުފެއްދޭނެއެވެ. މިއާއެކު، ހުޅުމާލޭގައި ދުވާލަކު ފެން އުފެއްދޭ މިންވަރު ކުރިއާއި އަޅާބަލާއިރު އެތައްގުނަ އިތުރުވެ، މެދުކެނޑުމެއްނެތި، ދެމެހެއްޓެނިވިގޮތެއްގައި ރައްކާތެރި ފެނުގެ ޚިދުމަތް ފޯރުކޮށްދިނުމަށް މަގުފަހިވެގެން ދާނެއެވެ. މިއަދުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އެމް.ޑަބްލިޔު.އެސް.ސީ ގެ މެނޭޖިންގ ޑިރެކްޓަރ ހަސަން ޝާހު ވިދާޅުވެފައިވަނީ، މާލޭ ސަރަޙައްދުގައި އިތުރުވަމުންދާ އާބާދީއަށް އެކަށީގެންވާ ފެނާއި ނަރުދަމާގެ ނިޒާމެއް ޤާއިމްކުރުމަކީ އެމް.ޑަބްލިޔު.އެސް.ސީގެ އަމާޒަށްވީއިރު، އެކަން ޔަޤީންކުރުމަށްޓަކައި ގިނަ މަސައްކަތްތަކެއް މިހާރުވެސް ދަނި ކުރަމުންނެވެ.

 

މިގޮތުން، މާލޭގެ އޮޕަރޭޝަން ސެންޓަރ ޑިސެންޓްރަލައިޒްކޮށް، ފެން އުފައްދަމުންދާ މައި އިމާރާތުގެ އިތުރުން، 2 ސަރަޙައްދެއްގައި ފެން ޕްލާންޓް ބަހައްޓައި ފެން އަންނަނި އުފައްދަމުންނެވެ. މީގެ އިތުރުން، މާލެ އާއި ހުޅުމާލޭގެ ފެނުގެ ނެޓްވޯކޮ ގުޅާލުމަށްޓަކައި، ބްރިޖް މެދުވެރިކޮށް ހޮޅި ލައިން އެޅުމުގެ މަސައްކަތްތައް ދަނީ ކުރަމުންނެވެ. ހަމަމިއާއެކު، މިސަރަހައްދުގައި ފެން ރައްކާކުރެވޭ މިންވަރު އިތުރުކުރުމަށްޓަކައި، މާލޭ އެސް.ޓީ.އޯ ގެ ރެޑިމިކްސް ސަރަހައްދުގައި 13,000 ޓަނުގެ 2 ތާންގީ ބެހެއްޓުމުގެ މަސައްކަތާއި، ހުޅުމާލޭގައި ހުންނަ މިކުންފުނީގެ އޮޕަރޝަން ސެންޓަރުގައި 10,000 ޓަނުގެ 1 ތާނގީ ބެހެއްޓުމުގެ މަސައްކަތްވެސް ކުރަމުން އަންނަކަން ފާހަގަކުރަމެއެވެ. އެމް.ޑަބްލިޔު.އެސް.ސީ ގެ އަމާޒަކީ ދެމެހެއްޓެނެވި ގޮތެއްގައި ރައްކާތެރި ބޯފެން އެންމެހާ ރައްޔިތުނަށް ފޯރުކޮށްދިނުމެވެ.