Share this post
1445ހ ރަމަޟާން މަހުގެ ފެން ބިލާއި ކަރަންޓު ބިލް ޢާއްމު މަސްތަކުގެ ބިލްތަކަށްވުރެ ބޮޑުނުވާނޭގޮތް ހެދުން

ރަމަޟާންމަހު ގޭބިސީތަކުގެ ފެންބިލާއި ކަރަންޓުބިލަށް ރައްޔިތުން ބޮޑު ހޭދައެއް ކުރައްވަން ޖެހޭތީ، މިކަމަށް ހައްލެއް ހޯއްދަވައި ދެއްވުމަށްޓަކައި، ޢާއްމު މަހެއްގައި ހުންނަ މިންވަރަށް ރަމަޟާން މަހުގެ ފެންބިލާއި ކަރަންޓުބިލް ހުންނާނެ ގޮތަށް ހަމަޖައްސަވައި ދެއްވުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ.

 

ސަރުކާރުގެ މި ނިންމެވުމާއި ގުޅިގެން، އެމް.ޑަބްލިޔު.އެސް.ސީގެ ޑޮމެސްޓިކް ކަސްޓަމަރުންނަށް މި ރަމަޟާންމަހު ކަރަންޓު ބިލާއި ފެން ބިލް ފޮނުވޭނީ ޢާންމު މަސްތަކުގެ އެވްރެޖަށްވުރެ ބިލް އިތުރުނުވާނެގޮތެއްގެ މަތިންނެވެ. މިގޮތުން ކަސްޓަމަރުންގެ އެވްރެޖް ބިލްގެގޮތުގައި ކަނޑައަޅާފައި ވަނީ ޢާންމުކޮށް އަހަރަކު ބިލްތައް ބޮޑުވެގެންދާ ފެބްރުއަރީ، މާރިޗު، އޭޕްރީލް މި ތިން މަހުގެ ބިލްތައް ނުހިމަނާ ތައްޔާރުކޮށްފައިވާ 2023 ވަނަ އަހަރުގެ އެވްރެޖް ބިލެވެ.

 

ޑޮމެސްޓިކް ކަސްޓަމަރުންގެ ރަމަޟާންމަހުގެ ބިލް މި ދެންނެވި އެވްރެޖަށްވުރެ މަތިވާނަމަ ކަސްޓަމަރުން ދައްކަވާނީ އެވްރެޖްބިލަށް އަރާ މިންވަރެވެ. އަދި ރަމަޟާންމަހުގެ ބިލް މި ދެންނެވި އެވްރެޖް ބިލަށްވުރެ ކުޑަވާނަމަ ކަސްޓަމަރުން ދައްކަވާނީ ރަމަޟާންމަހުގެ ބިލަށް އެރި މިންވަރެވެ.

 

ޑޮމެސްޓިކް ކަސްޓަމަރުންގެ ރަމަޟާންމަހުގެ ބިލަށް އަރާ އަދަދާއި 2023 ވަނަ އަހަރުގެ އެވަރެޖް ބިލްގެ މިންވަރާ، މި އެވަރެޖަށް ވުރެ ރަމަޟާން މަހުގެ ބިލް ބޮޑުވާނަމަ، ރަމަޟާން މަހުގެ ޑިސްކައުންޓުގެ ގޮތުގައި ދެވޭ އަދަދު އެސް.އެމް.އެސް  މެދުވެރިކޮށް ކޮންމެ ކަސްޓަމަރަކަށްވެސް ހިއްސާކުރެވޭނެއެވެ. އަދި މިހާތަނަށް ރަމަޟާން މަހުގެ ބިލް މިކުންފުނިން ފޮނުވާފައިވާ ފަރާތްތަކުގެ ބިލް އިސްވެ ދެންނެވުނު ގޮތަށް އިސްލާޙު ކުރުމަށްފަހު އެސް.އެމް.އެސް ކުރެވޭނެ ވާހަކަވެސް ކަސްޓަމަރުންގެ މަޢުލޫމާތަށްޓަކައި ދެންނެވީމެވެ.     

 

ސަރުކާރުން މި ދެއްވި ލުޔާއިއެކު ލަސްނުކުރައްވާ ރަމަޟާންމަހުގެ ބިލްތައް ދެއްކެވުމަށް ހުރިހާ ކަސްޓަމަރުންނަށް އިލްތިމާސް ކުރަމެވެ.  

މިކުންފުނީގެ ކަސްޓަމަރ ކެއަރ ސެންޓަރުގެ ހޮޓްލައިން 105 އަށް ގުޅުއްވުމުން ނުވަތަ 1050 އަށް އެސް.އެމް.އެސްއެއް ފޮނުއްވުމުން ނުވަތަ mail@mwsc.com.mv އަށް އީ-މެއިލްކުރެއްވުމުން މިކަމުގައި އެހީތެރިކަން ލިބިވަޑައިގަންނަވާނެއެވެ.