Share this post
އެމް.ޑަބްލިޔު.އެސް.ސީ އިން ލޭ ހަދިޔާ ކުރުމުގެ ޙަރަކާތެއް ހިންގައިފި

އެމް.ޑަބްލިޔު.އެސް.ސީ މުވައްޒަފުންގެ ފަރާތުން ލޭ ހަދިޔާ ކުރުމުގެ ޙަރަކާތެއް، މޯލްޑިވިއަން ބްލަޑް ސަރވިސް އާ ގުޅިގެން، މިއަދު ހިންގައިފިއެވެ. އެމް.ޑަބްލިޔު.އެސް.ސީ ކަސްޓަމަރ ސާރވިސް އިމާރާތުގައި ކުރިއަށް ގެންދިޔަ ލޭދިނުމުގެ މިޙަރަކާތް ފައްޓަވާ ދެއްވީ އެމް.ޑަބްލިޔު.އެސް.ސީ ގެ މެނޭޖިންގ ޑިރެކްޓަރ ޢަބްދުލް މަތީން މުޙައްމަދު އާއި އެމް.ޑަބްލިޔު.އެސް.ސީގެ ޗެއަރޕާރސަން ޝަމްހޫޒާ އަޙުމަދުއެވެ. މިހަރަކާތުގައި މިކުންފުނީގެ ސީނިއަރ މެނޭޖްމަންޓްއާއި ގިނަ އަދަދެއްގެ މުވައްޒަފުންގެ އިތުރުން، މާލޭ ސިޓީ ކައުންސިލްގެ މޭޔާރ އާދަމް އާޒިމް އަދި ކައުންސިލުގެ މުވައްޒަފުންވެސް ވަނީ ބައިވެރިވެފައެވެ.

ލޭ ހަދިޔާކުރުމުގެ މިޙަރަކާތަކީ ސަރުކާރުން އިސްނަގައިގެން ކުރިއަށް ގެންދަވާ ޤައުމީ ލޭ ހަދިޔާކުރުމުގެ ކެމްޕޭނުގެ ދަށުން ހިންގުނު ޙަރަކާތެކެކެވެ. މިނިސްޓްރީ އޮފް ހެލްތުގެ އިސްނެންގެވުމާއެކު، މިކުންފުނީގެ އިޖްތިމާޢީ ޒިންމާގެ ދަށުން، ކުރިޔަށް ގެންދިޔަ ލޭ ހަދިޔާ ކުރުމުގެ މިޙަރަކާތުގެ އެންމެ މުހިންމު މަޤްސަދަކީ، މޯލްޑިވިއަން ބްލަޑް ސަރވިސް އަށް ރޯދަމަހާ ދިމާކޮށް ލޭ ލިބުމުގައި ކުރިމަތިވާ ދަތިކަމަށް އެހީތެރިކަން ފޯރުވައި،  ބޭނުންވާ ލޭގެ އެހީ، އެމް.ޑަބްލިޔު.އެސް.ސީ ގެ ފަރާތުން ފޯރުކޮށްދިނުމެވެ. އަދި ހަމަ އެހެންމެ، ކުންފުނީގެ މުވައްޒަފުން ބުރަކޮށް އުޅުއްވަމުންވެސް، ފަސޭހަ މާހައުލެއްގައި މިފަދަ އިޖުތިމާޢީ އަދި ބޭނުންތެރި ހަރަކާތެއްގައި ބައިވެރިވެ، ލޭ ހަދިޔާ ކުރުމުގެ ފުރުސަތު ތަނަވަސްކޮށްދިނުމުގެ ގޮތުން ބޭއްވުނު ހަރަކާތެކެވެ.

މުޖުތަމައުގެ ލާބައާއި މަންފާއަށް ކުރެވޭ މިފަދަ ކަންކަމުގައި ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމަށް މިކުންފުނީގެ މުވައްޒަފުން އިސްނަގައި އަބަދުވެސް ދެއްވަމުން އަންނަ އެއްބާރުލުން ފާހަގަކޮށް ޝުކުރުދަންނަވަމެއެވެ.