Share this post
ކަނޑު އަޑީގައި މީރުފެން އުފައްދާ ނިޒާމު ޤާއިމުކުރުމުގެ ދިރާސާ ފެށުން

ކަނޑު އަޑީގައި މީރުފެން އުފައްދާ ނިޒާމު ޤާއިމުކުރުމުގެ ދިރާސާ ފެށުމަށް މާލެ ވޯޓަރ އެންޑް ސްވަރޭޖް ކަމްޕެނީ (އެމް.ޑަބްލިޔު.އެސް.ސީ) އާއި ފްލޯޝަންއާއެކު ފަހުމުނާމާގައި ސޮއިކޮށްފިއެވެ. މިފަހުމުނާމާގައި ސޮއިކޮށްފައިވަނީ، މިއަދު އެމް.ޑަބްލިޔު.އެސް.ސީގައި ބޭއްވި ރަސްމިއްޔާތުގައި، ފްލޯޝަންގެ މެނޭޖިންގ ޑިރެކްޓަރ، އަލެގްޒަންޑަރ ފުލެސަންގ އަދި އެމް.ޑަބްލިޔު.އެސް.ސީގެ މެނޭޖިންގ ޑިރެކްޓަރ، ޢަބްދުލް މަތީން މުޙައްމަދެއެވެ. މި ރަސްމިއްޔާތުގައި މިނިސްޓްރީ އޮފް ކްލައިމެޓް ޗޭންޖެ، އެންވަޔަރަންމަންޓް އެންޑް އެނަރޖީ،  ޔޫޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީ (ޔޫ.އާރު.އޭ) އަދި އެމް.ޑަބްލިޔު.އެސް.ސީގެ އިސްވެރިންނާއި މެނޭޖްމަންޓް ޓީމުން ބައިވެރިވެ ވަޑައިގަތެވެ. 

އެމް.ޑަބްލިޔު.އެސް.ސީ އާއި ފްލޯޝަން ގުޅިގެން ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާ މި ދިރާސާގައި ކަނޑު އަޑީގައި އާރ.އޯ ޑީސެލިނޭޝަން ސިސްޓަމް ޤާއިމްކުރުމަށް ބޭނުންވާ ފަންނީ މަޢުލޫމާތު ހޯދުމާއި، އެކަމަށް ބޭނުންވާ ކަނޑު އަޑީގެ ދިރާސާތަކާއި، ތިމާވެއްޓަށް އަސަރުކުރާނެ މިންވަރު ދެނެގަތުމުގެ އިތުރުން، މިގޮތަށް ފެންއުފެއްދުމާއި ގުޅޭ މާލީ ހިސާބުތައް ތައްޔާރުކުރުމަށް ވަނީ ހަމަޖެހިފައެވެ. މި ދިރާސާގައި  އެމް.ޑަބްލިޔު.އެސް.ސީގެ މައިގަނޑު ދައުރަކަށްވާނީ މިހާރު ލިބެންހުރި މިކަމާ ގުޅޭ މަޢުލޫމާތާއި ފަންނީ ލިޔެކިޔުންތައް ފޯރުކޮށްދިނުމާއި، ސަރުކާރުގެ ވުޒާރާތަކާއި އެހެނިހެން އިދާރާތަކުން ބޭނުންވާ ހުއްދަތައް ހޯދުމަށް އެހިތެރިކަން ފޯރުކޮށްދިނުމުގެ އިތުރުން، ރާއްޖޭގައި މި މަސައްކަތް ކުރިޔަށް ގެންދިޔުމަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމެވެ.

 ދިވެހިރާއްޖެއަކީ ކުޑަ ޖަޒީރާ ޤައުމަކަށްވާއިރު، މިދިރާސާގެ އަލީގައި މިފަދަ ނިޒާމެއް ޤާއިމްކުރެވެއްޖެނަމަ، ރާއްޖޭގެ އިތުރުވަމުން އަންނަ އާބާދީއާއި ފެނުގެ ޑިމާންޑާއި އެއްވަރަށް ފެން އުފެއްދޭވަރާއި ރައްކައުކުރެވޭނެ ނިޒާމުގެ ޤާބިލުކަން އިތުރުކުރެވޭނެ އައު އިޖާދީ ގޮތްތައް ހޯދުމަށް މަގުފަހިވެގެންދާނެއެވެ. މީގެ ސަބަބުން، ސާފު ރައްކައުތެރި ފެން އުފައްދާ ފޯރުކޮށްދޭ ނިޒާމް ޤާއިމްކުރުމަށް ދިމާވާ ޖާގައިގެ ދަތިކަމަށް ޙައްލު ލިބި، ރާއްޖޭގައި ފެން އުފެއްދުމަށް މިހާރު ބޭނުންކުރާ ހަކަތައާއި އެކަމަށް ހޭދަކުރެވޭ ޚަރަދު ކުޑަކުރެވިގެން ދާނެއެވެ.

މިދިރާސާގެ ސަބަބުން ރާއްޖޭގެ މޫސުމަށް އަންނަ ބަދަލުތަކާއި ހަކަތައާއި ބެހޭ ސިޔާސަތުތަކުގެ އިތުރުން، އ.ދގެ ދެމެހެއްޓެނިވި ތަރައްޤީގެ ލަނޑުދަނޑިތައްވެސް ހާސިލުކުރުމަށް މަގުފަހިވެގެންދާނެއެވެ. މިއާއެކު، ޤައުމީ ފެންވަރުގައި ރައްކައުތެރި ބޯފެން ތިމާވެއްޓާއި ރައްޓެހި އަދި ދެމެހެއްޓެނިވި ގޮތެއްގައި އުފައްދާ ފޯރުކޮށްދެވި، އޭގެ އިޖްތިމާޢީ އަދި އިޤްތިޞާދީ މަންފާ އެންމެހާ ރައްޔިތުންނަށް ފަހިކޮށްދެވވޭނެވެ. އަދި ޤުދުރަތީ ވަސީލަތްތައް ބެލެހެއްޓުމާއި ތިމާވެށި ހިމާޔަތްކުރުމުގެ އަމާޒުތައް ހާސިލްކުރުމަށްވެސް މިނިޒާމް މުހިންމު ދައުރެއް އަދާކުރާނެއެވެ.

އެމް.ޑަބްލިޔު.އެސް.ސީ ގެ އަމާޒަކީ މެދުކެނޑުމެއްނެތި، ދެމެހެއްޓެނެވި ގޮތެއްގައި ސާފު ބޯފެނާއި ރައްކައުތެރި ނަރުދަމާގެ ޚިދުމަތް އެންމެހައި ރައްޔިތުނަށް ފޯރުކޮށްދިނުމެވެ.