Share this post
އެމް.ޑަބްލިޔު.އެސް.ސީ އިން ރ.ފައިނުގައި ޤާއިމްކުރި ފެނާއި ނަރުދަމާ ނިޒާމް އިފްތިތާޙްކޮށްފި.

   އެމް.ޑަބްލިޔު.އެސް.ސީ އިން ރ.ފައިނު ގައި ކުރިއަށް ގެންދިޔަ ފެނާއި ނަރުދަމާ ނިޒާމް ޤާއިމްކުރުމުގެ މަސައްކަތްތައް ނިންމައި އިފްތިތާޙްކޮށްފިއެވެ. ރ.ފައިނުގެ ފެނާއި ނަރުދަމާ ނިޒާމް އިފްތިތާޙް ކޮށްދެއްވީ އެރަށުގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ރައީސުލްޖުމްހޫރިއްޔާ  ޑރ. މުޙައްމަދު މުޢިއްޒުއެވެ. މިރަސްމިއްޔާތުގައި މިކުންފުނީގެ މެނޭޖިން ޑިރެކްޓަރު ޢަބްދުލް މަތީން މުޙައްމަދު އާއި ދައުލަތުގެ ވަޒީރުންނާއި މިކުންފުނީގެ ހީވާގި މުވައްޒަފުންގެ އިތުރުން ރަށުގެ ރައްޔިތުން ބައިވެރިވިއެވެ.

މިމަޝްރޫޢުގެ ދަށުން، ފައިނު ގައި، ފެން ޕްލާންޓް ބެހެއްޓުމަށް އިމާރާތްކުރާ ފެސިލިޓީ ބިލްޑިންގ ޤާއިމްކޮށް، ދުވާލަކު 20 ޓަނުގެ ފެން އުފެއްދޭ 2 އާރު.އޯ ޕްލާންޓް ބަހައްޓައި،  ފެނާއި ނަރުދަމާ ހޮޅީގެ މައި ނެޓްވޯރކް އަޅައި، 130 ގެޔަށް ފެނާއި ނަރުދަމާ ކަނެކްޝަން ވަނީ ގުޅައިދީފައެވެ. މީގެ އިތުރުން، 490 ޓަނުގެ އެއް ފެން ތާންގީއާއި، 175 ޓަނުގެ ފެން ރައްކާކުރެވޭ 2 ފެން ތާންގީ ވަނީ ބެހެއްޓިފައެވެ. އަދި ނަރުދަމާގެ އިދާރީ ބިލްޑިންގ އާއި 3 ޕަންޕް ސްޓޭޝަން ޤާއިމްކޮށް، ސީ އައުޓްފޯލް އާއި ރިޖެކްޓް ލައިންވެސް ވަނީ އަޅާފައެވެ.  އަދި ހަމަ މިއާއި އެކު، ފެން ތަޙުލީލު ކުރުމަށް ބޭނުންވާ ސާމާނާއި ނަރުދަމާ ނިޒާމް ހިންގައި ބެލެހެއްޓުމަށް ބޭނުންވާ ވެހިކަލް ފޯރުކޮށްދިނުން މި މަޝްރޫޢުގެ ތެރޭގައި ހިމެނެއެވެ.

ރ.ފައިނުގެ ފެނާއި ނަރުދަމާ ނިޒާމް ޤާއިމްކުރުމުގެ މަޝްރޫޢުގެ އަމަލީ މަސައްކަތް ފެށިފައިވަނީ 01 މާރިޗު 2021  އެވެ. އަދި މި މަސައްކަތް ނިންމައި ކޮމިޝަން ކުރެވިފައިވަނީ 02 މާރިޗު 2024 އެވެ. މި މަޝްރޫޢަކީ މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ފަރާތުން އެމް.ޑަބްލިޔު.އެސް.ސީ އާއި  ހަވާލުކޮށްގެން ކުރިޔަށްގެންދިޔަ މަޝްރޫޢުއެކެވެ. މިމަޝްރޫޢުގެ ޖުމްލަ އަގަކީ 64،240،752.74 މިލިއަން ދިވެހި ރުފިޔާއެވެ. މިމަޝްރޫޢުގެ ސަބަބުން ފައިނުގެ ރައްޔިތުންނަށް ސާފު ބޯފެނާއި ރައްކާތެރި ނަރުދަމާ ނިޒާމެއް ލިބިގެންދާނެއެވެ.