މި އަހަރަކީ އެމް.ޑަބްލިއު.އެސް.ސީ އަށް 30 އަހަރު ފުރޭ އަހަރު ކަމަށް ވުމާއި، އެ މުނާސަބަތާއި އަދި ރަމަޟާން މަހާއި ގުޅުވައިގެން "އެކުވެރި ރޯދަ 30" ގެ ނަމުގައި، އެމް.ޑަބްލިއު.އެސް.ސީ އެޕް މެދުވެރިކޮށް ބިލް ދައްކާ ޑޮމެސްޓިކް ކަސްޓަމަރުންގެ ތެރެއިން ގުރުއަތުން ހޮވޭ ނަސީބުވެރި 3 ފަރާތަކަށް، ޢުމްރާ ދަތުރެއް ލިބޭ ޚާއްސަ ޕްރޮމޯޝަނެއް އެމް.ޑަބްލިއު.އެސް.ސީ ފަށައިފިއެވެ.
މިޕްރޮމޯޝަންގެ މަޤްސަދަކީ، ރަމަޟާންމަހާއި ގުޅުވައިގެން އެމް.ޑަބްލިއު.އެސް.ސީ ގެ ކަސްޓަމަރުންނަށް ފަހި ފުރުސަތެއް ތަނަވަސް ކޮށްދިނުމާއި އެކު، ވީހާވެސް ގިނަ ކަސްޓަމަރުން އެމް.ޑަބްލިއު.އެސް.ސީ ގެ އެޕް އަށް އަހުލުވެރިކޮށް، އެޕް ބޭނުން ކުރާ ކަސްޓަމަރުންގެ އަދަދު އިތުރު ކުރުމެވެ. އަދި ބިލްދެއްކުމަށް ކައުންޓަރުތަކަށް އައުމުގެ ބަދަލުގައި އެޕް ފަދަ ޒަމާނީ ވަސީލަތްތައް ބޭނުންކުރުމަށް ޢާންމުނަށް ބާރުއެޅުމާއި، ކައުންޓަރަށް އައުމުގެ ބަދަލުގައި އެޕުން ބިލްދައްކައިގެން ވަގުތު ސަލާމަތްކުރުމާއި، އެމްޑަބްލިޔުއެސްސީގެ ޚިދުމަތްތައް ޑިޖިޓަލައިޒް ކޮށް ފަސޭހަ ކޮށް ޒަމާނީ ކުރުމުގެ މަސައްކަތަށް ހަލުވިކަމާއެކު ކުރިއެރުން ހޯދުމެވެ.
މިޕްރޮމޯޝަން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ 1 މާރިޗު 2025 އިން ފެށިގެން 31 މާރިޗު 2025 ގެ ނިޔަލަށެވެ. މި މިޕްރޮމޯޝަންގައި ބައިވެރިވެވޭނީ ތިރީގައި ދަންނަވާފައިވާ ކަންތައްތައް ނުވަތަ ޝަރުތުތައް ފުރިހަމަވާ ކަސްޓަމަރުންނަށެވެ.
1. އެމް.ޑަބްލިއު.އެސް.ސީ ގެ ޑޮމެސްޓިކް ކަސްޓަމަރުން
2. ޕްރޮމޯޝަން ގެ މުއްދަތުގެ ތެރޭގައި އެމް.ޑަބްލިއު.އެސް.ސީ ގެ އެޕް މެދުވެރިކޮށް ބިލަށް ފައިސާ ދައްކާ ކަސްޓަމަރުން (ބިލަށް ފައިސާ ދައްކާ ފަރާތް)
3. ޕްރޮމޯޝަން ގެ މުއްދަތު ހަމަވާއިރު، ފައިސާ ދެއްކުމުގެ މުއްދަތު ހަމަވެފައިވާ އެއްވެސް ފެންބިލެއް ނުވަތަ އަދަދެއް ނުދައްކައި ނެތް ކަސްޓަމަރުން.
މިޕްރޮމޯޝަންގެ ދަށުން ގުރުއަތުން ހޮވޭ ނަސީބުވެރި 3 ފަރާތް ޢިއުލާންކުރާ ތާރީޚުން ފެށިގެން އެއް އަހަރު ދުވަހުގެ ތެރޭގައި ޢުމްރާ ދަތުރުގެ ބޭނުންކުރައްވަން ވާނެއެވެ. އުމްރާ ދަތުރު ލިބުނު ފަރާތަށް އެ ދަތުރު ބޭނުން ނުކުރެވޭނަމަ، އެހެން މީހަކަށް ބަދަލުކުރުމުގެ ފުރުޞަތު ދެވިގެންދާނެއެވ. ގުރުއަތުން ހޮވުނު ފަރާތްތައް ރަސްމީކޮށް އިޢުލާނުކުރެވޭނީ އެމް.ޑަބްލިއު.އެސް.ސީގެ ސޯޝަލް މީޑިއާ، ވެބްސައިޓް އަދި ކަސްޓަމަރުންނާ މަޢުލޫމާތު ފޯރުކޮށްދޭ އެހެނިހެން ވަޞީލަތްތައް މެދުވެރިކޮށެއެވެ. ގުރުއަތު ނަގަން ހަމަޖެހިފައިވާ ތާރީޚް ކަސްޓަމަރުންނާއި ފަހުން ހިއްސާކުރެވޭނެއެވެ.
މިކަމާ ބެހޭގޮތުން އިތުރު އެއްވެސް ކަމެއް ސާފުކުރައްވަން ބޭނުންފުޅުވާނަމަ މިކުންފުނީގެ ކަސްޓަމަރ ކެއަރ ސެންޓަރުގެ ހޮޓްލައިން 105 އަށް ގުޅުއްވުމުން ނުވަތަ 1050 އަށް އެސް.އެމް.އެސް ފޮނުއްވުމުން ނުވަތަ mail@mwsc.com.mv އަށް އީ-މެއިލްކުރެއްވުމުން އެހީތެރިކަން ލިބިވަޑައިގަންނަވާނެއެވެ.
އެމް.ޑަބްލިއު.އެސް.ސީ ގެ ހުރިހާ ކަސްޓަމަރުންނަށް ބަރަކާތްތެރި ރަމަޟާން މަހުގެ ތަހުނިޔާއާއި މުބާރަކްބާދީ އަރިސް ކުރަމެވެ.