އެމް.ޑަބްލިޔު.އެސް.ސީއިން ރާއްޖޭގެ އެކިރަށްރަށުގައި ކުރިއަށް ގެންދާ ފެނާއި ނަރުދަމާ ނިޒާމުގެ ޤާއިމްކުރުމުގެ މަޝްރޫއުތަކުގެ ތެރެއިން 20 ރަށެއްގައި ފެނާއި ނަރުދަމާ ނިޒާމް ޤާއިމްކުރުމުގެ މަސައްކަތް ނިންމާލައިފިއެވެ. މީގެ ތެރޭގައި ހިމެނެނީ 5 ރަށުގެ ފެނުގެ ނިޒާމު ޤާއިމް ކުރުމާއި، އަދި 15 ރަށުގެ ފެނާއި ނަރުދަމާ ނިޒާމު ޤާއިމް ކުރުމެވެ. މިގޮތުން، ފެނުގެ ނިޒާމު ޤާއިމްކޮށްފައިވާ ރަށްތަކަކީ، ހއ.މުރައިދޫ، ށ.ފީވައް، ނ.ހެނބަދޫ، ރ.އިންނަމާދޫ، އ.އ.މަތިވެރި އެވެ. އަދި ފެނާއި ނަރުދަމާ ނިޒާމު ޤާއިމްކޮށްފައިވާ ރަށްތަކަކީ، ހއ. ވަށަފަރު، ހއ.މާރަންދޫ، ހއ.ތަކަންދޫ، ހދ.ހިރިމަރަދޫ، ހދ.ކުމުންދޫ، ށ.ގޮއިދޫ، ނ.މާފަރު، ނ.ފޮއްދޫ، ރ.ފައިނު، ބ.ކަމަދޫ، ބ.މާޅޮސް، ޅ.އޮޅުވެލިފުށި، އދ. ކުނބުރުދޫ، އއ.ހިމަންދޫ، އއ.ފެރިދޫ އަދި އެންމެ ފަހުރަށް ކަމުގައިވާ ހއ.ވަށަފަރުގެ މަސައްކަތްނިންމާ ކޮމިޝަންކޮށްފައިވަނީ 31 ޑިސެމްބަރު 2024 ގައިއެވެ.
މިމަޝްރޫޢުތަކުގެ ދަށުން، ރަށްރަށުގައި ފެން ޕްލާންޓް ބަހައްޓާ ފެސިލިޓީ ބިލްޑިންގ އިމާރާތްކޮށް، ފެން އުފެއްދުމަށް ބޭނުންވާ ފެން ޕްލާންޓާއި އެހެނިހެން ވަސީލަތްތައް ޤާއިމްކޮށް، ފެން ރައްކާކުރުމަށް ތާންގި ބަހައްޓައި، ފެނާއި ނަރުދަމާ ހޮޅީގެ މައިނެޓްވޯރކް އަޅައި އަދި ގޭގެއަށް ފެނާއި ނަރުދަމާ ކަނެކްޝަން ވަނީ ގުޅައިދީފައެވެ. މީގެ އިތުރުން، ނަރުދަމާގެ ޕަންޕިންގ ސްޓޭޝަންތައް ޤާއިމްކޮށް، ސީ އައުޓް ފޯލް އާއި ރިޖެކްޓް ލައިންވެސް ވަނީ އަޅާފައެވެ. އަދި ހަމަ މިއާއި އެކު، ފެނާއި ނަރުދަމާ ނިޒާމު ބެލެހެއްޓުމަށް ބޭނުންވާ ސާމާނާއި އަދި ފެން ތަޙުލީލު ކުރުމަށް ބޭނުންވާ ސަމާނު މި މަޝްރޫޢުގެ ދަށުން ފޯރުކޮށްދެވިގެން ދާނެއެވެ.
މި 20 ރަށުގެ ފެނާއި ނަރުދަމާ ނިޒާމު ޤާއިމްކުރުމުގެ މަޝްރޫޢުތަކަކީ މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ފަރާތުން އެމް.ޑަބްލިޔު.އެސް.ސީ އާއި ހަވާލުކޮށް، ސަރުކާރުން ޚަރަދުކުރައްވައިގެން ކުރިޔަށްގެންދާ މަޝްރޫޢު ތަކެކެވެ. މިމަޝްރޫޢުތަކުގެ ޖުމްލަ އަގަކީ 1.34 ބިލިއަން ދިވެހި ރުފިޔާއެވެ. ޕީއެސްއައިޕީގެ ދަށުން ކުރިއަށް ގެންދިޔަ ހުރިހާ ރަށެއްގެ މަސައްކަތް 2024 ގެ ނިޔަލަށް ނިންމާލުމުގެ އަމާޒަށް ވާސިލުވެވުނީ ވަރަށްގިނަ ބައެއްގެ ބުރަ މަސައްކަތުންކަން ފާހަގަކުރައްވާ އެހުރިހާ ފަރާތްތަކަށް މެނޭޖިންގ ޑިރެކްޓަރ ޢަބްދުލްމަތީނު މުޙައްމަދުވަނީ ތަހުނިޔާއާއި މުބާރަކްބާދީ އާއި އެކު ޝުކުރު ވަނީ ދަންނަވާފައެވެ. މިމަޝްރޫޢުތަކުގެ ސަބަބުން މި ރަށް ރަށުގެ ރައްޔިތުންނަށް ސާފު ބޯފެނާއި ރައްކާތެރި ނަރުދަމާ ނިޒާމެއް ލިބިގެންދާނެއެވެ.